ކުޅިވަރު

ކުޅިވަރު ކުޅުން ނިންމާލީ، ދެން ކުރާނީ ބިޒްނަސް - އުސެއިން ބޯލްޓް


އަށް ފަހަރު އޮލިމްޕިކްސް ޗެމްޕިއަންކަން ހޯދުމަށްފަހު ފުޓުބޯޅައިގެ މައިދާނަށް ނުކުތް އުސެއިން ބޯލްޓް އޭނާގެ ކުޅިވަރުގެ ހަޔާތް ނިންމާލިކަން އިއުލާނުކޮށްފިއެވެ.
އެންމެ ބާރު ދުވުންތެރިޔާ އޭނާގެ ދުވުމުގެ ކެރިއަރު ނިންމާލުމަށްފަހު، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކޯސްޓް މެރިނަރސްއާ ގުޅުނީ އޭނާ ދެކެމުން އައި ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ނަމަވެސް ބޯލްޓްގެ އެއްބަސްވުމުގައި ވާ ވަރަށް މުސާރަ ނުދޭތީ އޭނާވަނީ ނޮވެމްބަރު މަހު ކްލަބް ދޫކޮށްލާފައެވެ.
100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް ބުނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި ޓީމެއްގައި ހުރުމުގެ ފުރުސަތު ލިބުމުން އުފާވިކަމަށެވެ.
އަދި އޭނާގެ ކުޅިވަރު ހަޔާތް ނިންމާލީ ކަމަށާއި ދެން ނުކުންނާނީ ބިޒްނަސްގެ ދާއިރާއަށް ކަމަށްވެސް 2017 ވަނަ އަހަރު އެތްލެޓިކްސްއިން ރިޓަޔަރ ވި ކުޅުންތެރިޔާ ބުންޏެވެ.
ފުޓުބޯޅައިގެ މައިދާނަށް ބޯލްޓް ނުކުތުމުން ގިނަ ކްލަބްތަކަކުން އޭނާ ބޭނުންވިއެވެ. ނަމަވެސް އޭނާ ބޭނުންވާ މުސާރައާ އެއިން އެއްވެސް ކްލަބަކަށް ބައްދަލުކުރެވިފައެއް ނުވެއެވެ.