ކުޅިވަރު

ޓީޓީ އެސޯސިއޭޝަން މަގުމަތިވެފަ؟


ޓީޓީއިން ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދަމުން ދަނިކޮށް ހުވަފެންތަކެއް ދެއްކުމަށްފަހު ޓީޓީ އެސޯސިއޭޝަން މަގުމަތިކޮށްލައިފިއެވެ.

މިސަރަހައްދުގެ ގައުމްތަކާއި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމްއިން މިހާތަނަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ހާއްސަކޮށް އަންހެން ޓީމް ހޯދާފައިވާ ގިނަ ކާމިޔާބީތަށް ފާހަގަކޮށްލެވެއެވެ.
އެކުވެނި އިންޑޯ ހޯލް ބާވެ އެތަނުގައި މަސައްކަތް ނުކުރެވޭ ހާތަލަށް ދިއުމުން 2014ވަނަ އަހަރު ޓީޓީ އެސޯސިއޭޝަން ބަދަލުކުރީ ޒުވާނުންގެ މަރުކަޒުގައި ހެދި ޓީޓީ ހޯލްއަށެވެ. ރާއްޖޭގެ އެހެން ކުޅިވަރުތަކަށް ނުލިބޭ ގިނަ ވަސީލަތްތަކެއް 2014އިން ފެށިގެން ޓީޓީއަށް ލިބެމުންދިޔައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ހޯލް އެސީކޮށް ފިނީގައި ކުޅެން ފެށުމެވެ. އެއާއެކު ޓީޓީ ކުދިންގެ ކުޅުމަށް ބަދަލްއައިސް ޓީޓީ ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަތަން ފެނިގެންދިޔައެވެ.
ނަމަވެސް 2017ވަނަ އަހަރު ރަސްފަންނު ސަރަހައްދުގައި ކޮރަލް ބްލެވާޑް ފްލެޓް އަޅަން ކުރީގެ ސަރުކާރުން ޓީޓީ އެސޯސިއޭޝަންއަށް ޓީޓީ ކުޅެވޭ ފެންވަރުގެ ތަނެއްވެސް ނުދައްކާ އެސޯސިއޭޝަން މަގުމަތިކޮށްލިއެވެ.

މިކަމާ ގުޅިގެން ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވީ ފްލެޓް އެޅުމަކީ ރަގަނޅުކަމެއްކަމަށާއި ނަމަވެސް ކުޅިވަރު ކުޅޭބަޔަކަށް އޮޅުވާލައިގެން އެކުދިން މަގުމަތިކޮށްލުމަކީ ރަގަނޅު ގޮތެއް ނޫންކަމަށެވެ.
"ކުރީގެ ސަރުކާރުން އަޅުގަނޑުމެން އެތަނުން ނުނުކުމެގެން ފެލެޓް ނޭޅިގެން އުޅުނުހެން ހީވަނީ. އެބޭފުޅުންގެ ވާހަކަތަކުން ޖެހިގެން އަންނަ މަހުގައި ފެލެޓް އަޅާފާނެހެން ހީވަނީ. މުބާރާތްތަށް ހުނާއެކު އަޅުގަނޑުމެން ބުނިން ފްލެޓްގެ މަސައްކަތް ފެށުމުން އަޅުގަނޑުމެން ނިކުންނާނެމޭ. ނަމަވެސް ހަމަ މިހާރުން މިހާރަށް ނުކުންނަން ޖެހިފައި އޮތީ. މުއްތަދެއްވެސް ނުދީ ހަމަޖެހުނީ އެތަކުން ނިކުންނަން. މީގެ އެންމެ ދެރަކަމަކީ 2017ވަނަ އަހަރުވެސް ނިމުނީ 2018ވަނަ އަހަރުވެސް ނިމުނީ އެފެލްޓްއެއްވެސް އެޅިތަނެއް ނުފެނުނު އަދި އެއިމާރާތުގެ މަސައްކަތެއްވެސް ކުރިތަނެއް ނުފެނުނު. މިއީ ޓީޓީއަށް ވަރަށް ބޮޑު ގެއްލުމެއް. ކުޅުންތެރިން އެވާހަކަދައްކަނީ ބެލެނިވެރިންވެސް އެވާހަކަދައްކަނީ." ސުޖާ ބުންޏެވެ.

ސުޖާބުނީ މިކަމުގެ ސަބަބުން އެސޯސިއޭޝަންއިން ހިންގަމުންއައި ވައިޑީޕީ ޕްރޮގްރާމްއަށްވެސް ވަރަށް ބޮޑަށް ބުރުއަރާފައިވާކަމަށާއި އެޕްރޮގްރާމްވެސް މިހާރު ހުއްޓާލަން ޖެހިފައިވާކަމަށެވެ.
އަދި ކުޅޭނެތަނެއް ނެތުމުގެ ސަބަބުން މިދިޔަ އަހަރުގެ ގައުމީ މުބާރާތްވެސް ބާއްވަން ޖެހިފައިވަނީ މިއަހަރުކަމަށް ސުޖާ ވިދާޅުވިއެވެ.

"ހަގު އުމުރުފުރާގެ ކުދިން މިހާރު ނެތެމުން މިދަނީ. އެއީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ބިރެއް މިއީ. ހަގީގަތުގައި ޓީޓީގެ ކުރިމަގު އޮތް ތުއްތުކުދިންގެ ޕްރޮގްރާމްތަށް ހުއްޓާލަން ޖެހިފައި މިއޮތީ، ކުޅޭނެ ތަނެއް ނެތީމަ. ވައިޑީޕީގެ 50 އިންސައްތަ މިހާރު ޖެއްލިއްޖެ 2017ވަނަ އަހަރު ޓީޓީ އެސޯސިއޭޝަންއިން ގެންގުުޅުނު ޕޫލްއަށް ބަލާއިރު. އޭގެ ނޭދެވޭ އަސަރު ކުރާނެ އިންޓަރ ސްކޫލްއަށްވެސް. އެއީ އަޅުގަނޑުމެން އިންޓަރ ސްކޫލް މިބާއްވަނީ 12 އަހަރުންދަށް، 14 އަހަރުންދަށް 16 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާގެ ކުދިންނަށް މިކަހަލަ ގޮތަކަށް. މިހާރު އަޅުގަނޑު ހިއެއް ނުކުރަން 12 އަހަރުންދަށުގެ އުމުރުފުރާގައި 3 ސްކޫލްއިންވެސް އިންޓަރ ސްކޫލް މުބާޜާތުގައި ބައިވެރިވާނެކަމަށް." ސުޖާ ބުންޏެވެ.

މިހާރު ޓީޓީ ކުޅުމަށް ދީފައިވާ މުނިއުފާ މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި މިކަމަކީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރުގެ ވަރަށް ބޮޑު އެއް ބާރުލުމެއް ލިބިގެން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ސުޖާ ފާހަގަކުރިއެވެ.