ޚަބަރު

ޖަރުމަނު ވިސާ ޖެހުމުގެ މުއްދަތު އިތުރުކޮށްފި


ޖަރުމަނު ވިސާ ހޯދަން އެދޭ ފަރާތްތައް އިތުރުވެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އެކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.

ޖަރުމަނު ވިސާ ޖެހުމަށް އެދޭ މުއްދަތު އިތުރުކޮށްފައިވާކަން ފޮރިންގ މިނިސްޓްރީން ހާމަކުރެއްވީ މިއަދު އެ މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައެވެ. ޖަރުމަނު ވިސާ ހޯދަން ކުރިން ހުޅުވާލާފައި ވަނީ މިމަހުގެ 27 އާއި 28 ވަނަ ދުވަހުއެވެ. ނަމަވެސް މިކަމުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން މިނިސްޓްރީންވަނީ އެއްދުވަސް އިތުރުކޮށް މިމަހުގެ 29ވަނަ ދުވަހާހަމަޔަށް އެފުރުޞަތު އިތުރު ކުރައްވާފައެވެ.

ޖަރުމަނު ވިސާ ހޯދަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ ވަގުތީ ބަޔޯމެޓްރިކް ކްލިނިކް މެދުވެރިކޮށް މިމަހުގެ 25ވަނަ ދުވަހުގެ ހަވީރު 17:30ގެ ކުރިން ބުކިންގ ހަދަން ޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެވުޒާރާގެ ޓްވީޓްގައިވާ ލިންކު މެދުވެރިކޮށް ބުކިން ހެއްދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.