ޚަބަރު

ނާއިބުރައީސް ޖަޕާނު ސަފީރާ ބައްދަލުކުރައްވައިފި


ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާ، ނާއިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ނާއިބުރައީސް ފައިޞަލް ނަސީމް ވަނީ ފާއިތުވި އަހަރުތަކުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަޤުބޫލު މަންޒިލެއްގެ ގޮތުގައި ޖަޕާނަށް ތަޢާރަފު ކުރުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި، އަދި ކުޅިވަރާއި ސިއްޙީ ދާއިރާއިން ކުރެވެންހުރި ކަންކަމާމެދު ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެބޭފުޅުންވެސް ވަނީ ދެޤައުމަށް މަންފާކުރާނެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި އެކަންތައްތައް ޙާޞިލުކުރުމުގައި ޖަޕާނުން ވެދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.