ޚަބަރު

ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި


ސަރުކާރުން ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާދެމެދު ސޮއިކޮށްފިއެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއްވިއުގައެއްގެ ތެރެއިން ގުޅާލުން ވެގެންދާނީ، ޞިއްޙީ ޚިދުމަތް ހޯދުމަށް ފޯރުކޮށްދިނުމަށް ހޭދަކުރާ ވަގުތާއި، ފައިސާ އެތައްގޮތަކުން ސަލާމަތް ކުރެވިގެންދާނެކަމެއްކަމަށެވެ.

އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން މެނުއަލްކޮށް މިހާރު ޚިދުމަތްދޭ ދިނުމަކީ ވަރަށް ބީރައްޓެހި ނިޒާމެއްކަމަށާ، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާވެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުވުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ޙިދުމަތްދޭ ތަންތަން އެއް ވިއުގައެއްގެ ތެރެއިން ގުޅާލުވުން ވެގެންދާނީ، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، މިފަދަ ނިޒާމެއް ތަޢާރަފުވުމުން ޕޭޝަންޓުންގެ މެޑިކަލް ހިސްޓްރީ ރައްކާކުރުމާއި، ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި، ހެލްތް ސެންޓަރުތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް ފަދަ ކަންކަން ފަސޭހަކަމާއެކު ކުރެވިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޞިއްޙީ ޚިދުމަތްދޭ ހުރިޙާ ތަނެއް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށް ނިންމުމަކީ އެ މިނިސްޓްރީގެ އަމާޒެއްކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ތައްޔާރަށް އޮތްކަން މިނިސްޓަރ މަލީޙް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޞިއްޙީ ޙިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ މި ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެލްތް މިނިސްޓްރީގެ އައި.ޓީ ޑިޕާޓްމަންޓާއި، ނެޝެނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީ ގުޅިގެންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ ނިޒާމަކާއެކު އާއްމުންނަށް ސްމާޓްފޯންތަކުގެ އެހީގައިވެސް ޞިއްޙީ ޚިދުމަތަށް އެނދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.