ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ބޭލުމާ ބެހޭގޮތުން ތުރުކީވިލާތާއި އެމެރިކާގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ޗާވެޝޮގްލޫ މި މަޝްވަރާތައް ކުރައްވާފައިވަނީ ހޯމަ ދުވަހު ދެބޭފުޅުން ކުރެއްވި ފޯނުކޯލެއްގައި ކަމަށެވެ.
މިކަމާ ބެހޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ފޯނުކޯލްގައި ދެ ބޭފުޅުން ވަނީ ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެމެރިކާ އާއ ތުރުކީވިލާތުން ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިކަމަށެވެ. މި ފޯން ކޯލުގައި ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން އޮތީ ތުރުކީވިލާތުގެ ސަލާމަތާ މެދު އެ ޤައުމުގެ ހުރި ކަންބޮޑުވުންތައް ދުރުކުރުމަށް ތައްޔާރަށް ކަމަށާ މިކަމުގައި އެމެރިކާއިން ފިޔަވަޅުތައް އަޅާނެކަމަށެވެ.
އެހެންނަމަވެސް، ސޫރިޔާގައި އެމެރިކާއާއެކު ހަނގުރާމަކުރި ޖަމާޢަތްތަކަށް ޙާއްޞަކޮށް ކުރުދީ ޖަމާޢަތްތަކަށް ހިމާޔަތް ހޯދައިދިނުމަށް އެމެރިކާއިން ބޭނުންވާ ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ ސޫރިޔާގެ އުތުރުގައި ދެ ގައުމުން ޤާއިމުކުރުމަށް މަސައްކަތްކުރާ ރައްކާތެރި ސަރަހައްދާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
އަދި މިކަމުގައި ދެ ފަރާތުން އެއްބަސްވާކަން ނުވަތަ ނޫންކަންވެސް ހާމަވެގެންދާނީ އަންނަ ފެބްރުއަރީ މަހު ދެ ފަރާތުގެ މެދުގައި ބާއްވާ ބައްދަލުވުމުން ކަމަށްވެސް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.