ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރިންސް ބޯޓެން ބާސެލޯނާއަށް ބަދަލުވެއްޖެ


އިޓަލީގެ ސަސޫލޯއަށް ކުޅޭ ގާނާގެ 31 އަހަރުގެ މިޑްފީލްޑަރު ކެވިން ޕްރިންސް ބޯޓެން ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

މި ސީޒަނުގެ ނިޔަލަށް ބޯޓެން ބާސެލޯނާއަށް ބަދަލުވިއިރު ސީޒަން ނިމުމުން 7.1 މިލިއަން ޕައުންޑަށް އޭނާ ދާއިމީކޮށް ގަތުމުގެ ފުރުސަތު ބާސެލޯނާ އަށް ލިބޭނެއެވެ.

ބޯޓެން ބާސެލޯނާ އާއި ލޯނު އެއްބަސްވުމެއްގެ ދަށުން ގުޅުނީ އެޓީމުގެ މުނީރު ސެވިއްޔާއަށް ބަދަލުވުމާއި ގުޅިގެންނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ނޫސްވެރިންނާއި ވާހަކަ ދައްކަމުން މީގެ ކުރިން ބުނީ މުނީރު ކްލަބް ދޫކޮށްލުމުން އިތުރު ކުޅުންތެރިއަކަށް އެޓީމުން ފުރުސަތު ލިބޭނެކަމަށެވެ. އޭރު ވަލްވޭޑޭގެ ވާހަކަތައް ހުރީ މުނީރު ގެ ބަދަލުގައި ފޯވާޑެއް އެޓީމަށް ގެނައުމަށެވެ.

ބާސެލޯނާއިން ފުރުސަތު ލިބުމުން ބޯޓެން ބުނީ ކެރިއަރުގެ މި ހިސާބުގައި އެޓީމަށް ކުޅެން ލިބުމުން ފުރުސަތު ދޫކޮށްނުލެވުނު ކަމަށާއި، ބާސެލޯނާއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރަން ބޭނުންވާކަމަށެވެ.