ކުޅިވަރު

ގޯލްކީޕަރުން ތަމްރީނުކުރުމުގެ ކޯސްތައް ރާއްޖެގައި ގިނަ ކުރުން މުހިންމު - ބައްޝާރާދް


ކުރިމަގުގައި ހުނަރުވެރި ގޯލްކީޕަރުން އުފެއްދުމަށް، ގޯލްކީޕަރުން ތަމްރީނުކުރުމުގެ ކޯސްތައް ރާއްޖެގައި ގިނަ ކުރުން މުހިންމުކަމަށް އެފްއޭއެމުން މިހާރު ފަށާފައިވާ ގޯލްކީޕަރ ޓްރެއިނާސް ކޯހުގެ އިންސްޓްރަކްޓަރ ޖަލާލް ބައްޝާރާދް ބުނެފިއެވެ.

އެންމެ ފަހުން ރާއްޖޭގައި ގޯލްކީޕަރުން ތަމްރީނުކުރުމުގެ ކޯހެއް ހިންގާފައިވަނީ މީގެ ތޭރަ އަހަރު ކުރިން ކަން ފާހަގަކުރަމުން އޭއެފްސީގެ އީރާން އިންސްޓްރަކްޓަރ ބުނީ، މޮޅު ގޯލްކީޕަރުން އުފައްދަން ބޭނުން ނަމަ ގޯލްކީޕަރުން ތަމްރީނުކުރުމުގެ ކޯސްތައް ގަވާއިދުން ހިންގަންޖެހޭ ކަމަށެވެ.
އަދި މިގޮތަށް ކަން ކުރެވިއްޖެ ނަމަ ގޯލް ކީޕަރުން އުފައްދާނެ އިންސްޓްރަކްޓަރުން ގިނަވެ، އުފެދޭ ގޯލްކީޕަރުންގެ އަދަދުވެސް އިތުރުވުމުގެ އިތުރުން ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށްވެސް ބައްޝާރާދް ބުންޏެވެ.

" ގޯލްކީޕަރުން ތަމްރީނުކުރަމަށް އެންމެފަހުން ކޯހެއް ހިންގާފަވަނީ 13 އަހަރު ކުރިން، 13 އަހަރު ފަހުން މިއީ ދެވަނަ ކޯސް. އެހެންވީމަ ފުރަތަމަ ކަމަކަށް ކޯސް ގިނަކުރަންވީ. ކޯސް ހިންގަންވީ ކޮންމެ އަހަރަކު، ދެ އަހަރުން އެއް އަހަރު ނޫނީ ތިންއަހަރުން އެއްއަހަރު. 13 އަހަރުން އެއް އަހަރަކު ނޫން" ބައްޝާރާދް ބުންޏެވެ.

ބައްޝާރާދު ބުނީ، ރާއްޖޭގައި އެންމެ ސްޓޭޑިއަމެއް އޮތުމަކީވެސް ގޯލްކިޕަރުންނަށް ދިމާވާނެ ގޮންޖެހުމެއް ކަމަށެވެ. ހާއްސަކޮށް ގޯލްކިޕަރުންނަށް ވަކި ސްޓޭޑިއަމެއް އޮތުން މުހިންމުކަން ބައްޝާރާދް ފާހަގަކުރިއެވެ.
ހަމައެއާއެކު ގޯލްކީޕަރުންނަށް ބޭނުންވާ ކޮލިޓީ ސާމާނު ރާއްޖެއިން ލިބެންހުންނަން ޖެހޭކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
" އެންމެ ސްޓޭޑިއަމްއެއް ރާއްޖޭގަ އޮތީ، އެތަން ދެން ގައިމުވެސް ހާއްސަވާނީ ގައުމީ ޓީމަށް. ގިނަ ދަނޑު އެބަޖެހޭ ހަދަން. ހާއްސަކޮށް ގޯލްކީޕަރުންނަށް ހާއްސަ ދަނޑެއް އޮންނަން ޖެހޭ. ދެން ބޭނުންވޭ އެބަ ގޯލްކީޕަރުންނަސް ހާއްސަ ސާމާނުވެސް، ރަނގަޅުދިމާލަށް މިސްރާބު ބަހައްޓާ މަސައްކަތް ފެށުމަށް" އޭއެފްސީގެ އީރާން އިންސްޓްރަކްޓަރ ބުންޏެވެ.

ފަސް ދުވަހުގެ މުއްދަތަށް އެފްއޭއެމްއިން ކުރިއަށް ގެންދާ މި ކޯހުގައި ހަތަރު އަންހެން ކީޕަރުންނާއެކު ޖުމްލަ 30 ކީޕަރުން ބައިވެރިވެއެވެ.