ޚަބަރު

ކިމް އާއި ޓްރަމްޕްގެ ބައްދަލުވުމަށް ވަމުންދާ ތައްޔާރީތައް


އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ބޭއްވުމަށް ނިންމާފައިވަނީ ވިއެޓްނާމްގައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ސަމިޓް ފެބްރުއަރީ މަހު ބާއްވާނެކަން އެމެރިކާގެ ވައިޓްހައުސްއިން ކަށަވަރުކޮށްދީފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ބާއްވާ ދެވަނަ ސަމިޓް އިންތިޒާމްކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާއިރު ބްލޫމްބަރގުން ބުނެފައިވަނީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ކުރިއަށްގެންދާނީ ވިއެޓްނާމްގައި ކަމަށެވެ.

މި ގޮތުން، އެމެރިކާގެ އޮފިޝަލުން ވިއެޓްނާމްގެ ތިން ރަށެއް ބަލަމުންދާ ކަމަށާއި، މިކަމާ ބެހޭ ތަފްސީލު ހާމަވެފައިވަނީ ނިއުކްލިޔަރ މަޝްވަރާތަކާ ބެހޭ އިސް އޮފިޝަލުން ހުސްވި ހަފުތާގައި ސުވިޑަންގައި ބޭއްވި ބައްދަލުވުމުގައިކަމަށްވެސް ބްލޫމްބަރގުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާ ބެހޭގޮތުން ކުރި ސުވާލުތަކަށް ވިއެޓްނާމްގެ ޚާރިޖީ ވުޒާރާއިން ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.

ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ގުޔެން ޝުއާން ފުކް ވިދާޅުވީ، މިފަދަ މުހިއްމު ބައްދަލުވުމެއް ވިއެޓްނާމްގައި ބޭއްވުމަކީ އެ ޤައުމުން އުފާކުރާނެ ކަމެއްކަމަށެވެ. ދެ ޤައުމުގެ ދެމެދު ބާއްވާ ސަމިޓް އެމެރިކާ އާއި އުތުރު ކޮރެއާއިން ބާއްވާނީ ދެ ޤައުމަށް ވެސް ސަލާމަތީގޮތުން މަޤްބޫލު ޤައުމެއްގައެވެ.

މި ގޮތުން ވިއެޓްނާމަކީ އެމެރިކާއާއެކު ސަލާމަތީ އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ގައުމަކަށް ވާހިނދު، އެ ޤައުމަށް ވަޑައިގަތުމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ކުރައްވަން ޖެހިވަޑައިގަންނަވާ ދަތުރުގައި މަތިންދާބޯޓު އުދުހޭނީ ހަމައެކަނި ޗައިނާގެ ސަރަހައްދުގެ މަތިންނެވެ. ފެބްރުއަރީ މަހުގެ ސަމިޓް ބާއްވާނެ ތަނެއް އެމެރިކާއިންވެސް އަދި އުތުރު ކޮރެއާއިންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހުކުރު ދުވަހު އެމެރިކާއިން ބުނެފައިވަނީ ދެ ބޭފުޅުންގެ ދެމެދު ސަމިޓެއް ބޭއްވުމަށް ތައްޔާރީތައް ވަމުންދާ ކަމަށާ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ސަމިޓް ކުރިއަށްދާނެ ކަމަށެވެ. މި ސަމިޓްގެ ވާހަކަ އެމެރިކާއިން އިޢުލާންކުރީ، ހުސްވި ހަފުތާގައި އެ ޤައުމަށް ވަޑައިގެން އުތުރު ކޮރެއާއިން އެމެރިކާއާއެކު ކުރިއަށްގެންދާ ނިއުކްލިޔަރ މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ކިމް ޔޮންގް ޗޮލް އާއި ޓްރަމްޕާ ދެމެދު ބޭއްވި ބައްދަލުކުރެއްވުމަށްފަހުގައެވެ.