ސިޔާސީ

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާރޗް 2ވަނަ ދުވަހު


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ، އަންނަ މަހުގެ ދޭއް ވާ ހޯމަ ދުވަސްކަމުގައި މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާރޗް ދެވަނަ ދުވަހު ބާއްވާއިރު، އެޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.ޤާނޫނު އަސާސީގެ އަށްޑިހަ ހަތަރުވަނަ މާއްދާގައި ބުނެފައިވަނީ، އާ އަހަރަށް މަޖިލިސް ހުޅުވާއިރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވަން ވާނެކަމަށެވެ.މިއަހަރަށް މަޖިލިސް ހުޅުވުމުން އާބިލްތަކެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށާއި، ނަމަވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނީ ނިމުނު ދައުރުގައި ނުނިމި ހުރި ބިލްތަށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވަނީ ވިދާޅުވެފައެވެ.ނިމިދިޔަ ދައުރުގައި ނުނިމި މަޖިލީހުގެ ތަޅުމުގައި އޮތީ ބާރަ ބިލެކެވެ. ސަރުކާރުން ބުނީ އާދައުރަށްމަޖިލީހަށް ހުށައަޅަން އެންމެ އިސްކަމެއް ދޭނީ އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާގެ ބިލްތަކަށްކަމަށެވެ. އެބިލްތަކުގެ ތެރޭގައި، އިންވެސްޓަރުންނާ ގުޅުންހުރި ބިލްތަކާއި، ކުށް މަދުކުރުމާ ގުޅުންހުރި ބިލްތައް ހިމެނޭކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ.ދެހާސް ސާދަ ވަނަ އަހަރުގެ އެންމެ ފަހު ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ ޑިސެމްބަރު މަހުގެ ނަވާވީސްވަނަ ދުވަހުއެވެ.