ޚަބަރު

ރެފިއުޖީންނަށް އެހީވުމަށް އިޓަލީވިލާތުން 1.7 މިލިޔަން ޑޮލަރު ދޭން ނިންމައިފި


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް އދން އެކުލަވާލާފައިވާ ޙާއްސަ ޖަމާޢަތަށް، އިޓަލީވިލާތުގެ ސަރުކާރުން އެކެއް ޕޮއިންޓް ހަތެއް މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ. އދގެ ޖަމާޢަތުން ބުނެފައިވަނީ އިޓަލީ ސަރުކާރުގެ މި އެހީއާއެކު، ލުބުނާނުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް ބޭނުންވާ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ފަސޭހަތައް ލިބިގެންދާނެކަމަށެވެ.

އދގެ ޖަމާޢަތުން ބުނެފައިވަނީ ސޫރިޔާގައި 2011 ވަނަ އަހަރުއްސުރެ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ ފަލަސްޠީނުގެ ގިނަ ރެފިއުޖީންތަކެއް ވަނީ ލުބުނާނަށް ހިޖުރަކޮށްފައިކަމަށެވެ. އަދި އިޓަލީވިލާތުން މިހާރު ދިން މި ފައިސާއާއެކު މިހާރު ސޫރިޔާއިން ލުބުނާނަށް ހިޖުރަކުރަމުންދާ ފަލަސްޠީނުގެ އެއްހާސް ފަސްސަތޭކަ ރެފިއުޖީންނަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގެންދާނެ ކަމަށް ވެސް އދގެ ޖަމާޢަތުން ބުނެއެވެ.

އިޓަލީވިލާތުން ދިން މިއެހީއާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިޓަލީއިން ލުބުނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެސީމޯ މަރޯތީ އާއި އދގެ ޖަމާޢަތުގެ ޑިރެކްޓަރ ކްލޯދިއޯ ކޯދޯނީއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިޓަލީވިލާތުގެ ސަފީރު ވިދާޅުވީ، ލުބުނާނުގައި ދިރިއުޅޭ ރެފިއުޖީންނަށް އެހީވުމަށް ލުބުނާނުން ކުރަމުންދާ މަސައްކަތްތަކަށް އިޓަލީވިލާތުން އަބަދު ވެސް އެއްބާރުލުންދޭނެ ކަމަށެވެ.

އިޓަލީވިލާތުން ވަނީ 2017 ވަނަ އަހަރާ 2018 ވަނަ އަހަރު އދގެ ޙާއްސަ ޖަމާޢަތަށް ތިނެއް ޕޮއިންޓް ނުވަ މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.