ކުޅިވަރު

އަމާޒަކީ ކުރިއަށްހުރި މުބާރާތްތައް ކާމިޔާބު ކުރަން ބޭނުންވާ ތަޖުރިބާ ހޯދުން - ޖޫނިއަރ ހޭންޑްބޯޅަ ޓީމްގެ ކޯޗް



އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަންގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތުގައި ބައިވެރިވާ ޖުނިއަރ އަންހެން ޓީމްގެ އަމާޒަކީ، ކުރިއަށް އޮތްތާގައި މި މުބާރާތުން ވަނައެއް ހޯދުމަށް ބޭނުންވާ ތަޖުރިބާ ހޯދުންކަމަށް ޖޫނިއަރ ހޭންޑްބޯޅަ ޓީމްގެ ކޯޗް ބުނެފިއެވެ.

ޖޫނިއަރ ހޭންޑްބޯޅަ ޓީމްގެ ކޯޗް އިސްމާއިލް ޒައިދު ބުނީ މާޗްމަހު އޮންނަ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަންގެ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޖުނިއަރ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ތިން މަސް ވެއްޖެކަމަށެވެ.
ކޯޗް ބުނީ މި މުއްދަތު ތެރޭ ކުޅުންތެރިން ކުރިއަރާފައިވާ މިންވަރު ފެންނަ ކަމަށާއި، އެ މިންވަރާމެދު ވަރަށް ހިތް ހަމަޖެހޭކަމަށެވެ.
ތައްޔާރު ކުރާ ޓީމްތަކަކީ ހޭންޑް ބޯޅައިގެ ކުރިމަގުކަން ފާހަގަކުރަމުން ކޯޗް ބުނީ މި ފަހަރުގެ މުބާރަތުގައިވެސް އިސްކަންދޭނީ، ކުރިއަށް އޮތް އަހަރުތަކުގައި ކާމިޔާބީ ހޯދުމަށް ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ ހޯދައިދުނުމަށް ކަމަށެވެ.

"ޕްރެކްޓިސް ކުރިއަށްދަނީ ފްރައިޑޭ ނޫން ކޮންމެ ދުވަހަކު 2 ގަޑީރު. ކޯޗުންގެ 100 ޕަސެންޓް ސަޕޯޓް އެބަދެން، ކުޅުންތެރިންވެސް އެ ކޮމިޓްމަންޓް ދޭތަން ފެނޭ. ޑޭ ބައި ޑޭ އިމްޕްރޫވް ވަމުން އަންނަތަން ފެނޭ. މި މުބާރަތުގަ ޓާގެޓަކީ މި ކުދިންނަށް ރަނގަޅު އެކްސްޕީރިއެންސެއް ދީފަ އަންނަ އަހަރު ހަމަ މި ކުދިން ޓްރެއިން ކޮށްގެން ގޯލެއް އެޗީވްކުރުން" ޒައިދު ބުންނެވެ،

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަންގެ ފަރާތުން ކޮންމެ ދެއަހަރަކުން އެއްއަހަރު އަންހެންޓީމަށް ބާއްވާ މުބާރާތުގައި ރާއްޖެއިން ބައިވެރިވާނީ 20 އަހަރުން ދަށުގެ ޓީމަކާއި 17 އަހަރުން ދަށުގެ ޓީމެކެވެ.
މި ޓީމްތައް އެކުލަވާލާފައިވަނީ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި ފާހަގަކޮށްލެވުނު ކުދިން ހިމަނައިގެންނެވެ.