ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކަށް އައު މެނޭޖިންގ ޑިރެކްޓަރަކު ހަމަޖައްސައިފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އޭ.އީ އަބްދުލް މުހައިމިން ހަމަޖައްސައިފިއެވެ. މިއާއެކު އެ ބޭންކުގެ ސީއީއޯގެ މަޤާމްވެސް އަދާ ކުރައްވާނީވެސް އެބޭފުޅާއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަބްދުލް މުހައިމިން ވަނީ މިމަހުގެ ސަތާރަވަނަ ދުވަހު އެ ބޭންކާއި ގުޅިފައި ކަމަށެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައިމިނަކީ ބޭންކިންގ ދާއިރާގައި މަސައްކަތްކުރާތާ 30 އަހަރުވީ ތަޖުރިބާކާރު ބޭފުޅެކެވެ އެގޮތުން އޭނާ ވަނީ އޭޝިއާ، އޮސްޓްރޭލިއާ އަދި މެދުއިރުމަތީގެ ޤައުމުތަކުގެ ބޭންކުތަކުގައި މަސައްކަތްކޮށްފައިވެއެވެ.
އެމްއައިބީއާ ގުޅުމުގެ ކުރިން އެންމެފަހުން މަސައްކަތްކޮށްފައިވަނީ ބަންގްލަދޭޝްގެ ބޭންކެއް ކަމަށްވާ ޔުނައިޑެޓް ކޮމަރޝަލް ބޭންކްގެ އެމް.ޑީ އަދި ސީ.އީ.އޯގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ ވަނީ، ބަންގްލަދޭޝްގެ އެންމެ ކުރިއަރާފައިވާ އެ ބޭންކު ކަމަށްވާ ބުރެކް ބޭންކް ލިމިޑެޓް، ގެ ސީއީއޯ އަދި އެމްޑީގެ މަޤާމުވެސް އަދާކުރައްވާފައެވެ.