ޚަބަރު

ސުޢޫދުގެ މައްސަލަ ބަލަން، ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމައިފި


ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަތައް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެކޯޓުގެ ޙުރުމަތާއި، ކަރާމާތާއި ހައިބަތު ނަގާލައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާގޮތަށް ސުޢޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ "ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމަބެހޭ ޤަވާއިދު"ގެ ދަށުން ކޯޓުގެ ޙުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުގެ ފަސް ޤާޟީންގެ ބެންޗެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެމައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު ދޭއް ޖަހާއިރު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށްވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގަ ވިދާޅުވެފައިވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސުއޫދު ވިދާޅުވީ، މަރުގެ މައްސަލަތަކުގެ ތަޙްޤީގުތައް ކިތަންމެ ރަނގަޅަށް ކުރިއަށްގެންގޮސް ކޯޓަށް ފޮނުވިނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ޙުސްނުއްސުޢޫދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގިނަ މަރުގެ މައްސަލަތަކެއް ކޯޓުން ސާބިތުނުވެ، ދޫވުމުގެ ސަބަބުން އިންސާފަށް ވާސިލު ނުވެވޭކަމުގެ އިހްސާކުރެވިގެން ވަރަށްގިނަ ބަޔެއްގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ.

ސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމައްސަލަ ބަލާ ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ކޮމިޓީއެއް އެކުލަވާލައި މައްސަލަ ދަނީ ތަޙްޤީޤްކުރައްވަމުންނެވެ. ސުޢޫދުވަނީ ޖޭއެސްސީއިން ބޭނުންވި ހެކި މިހާރު އެކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށް ވިދާޅުވެފައެވެ.

ސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކުލަވާލި ޖޭއެސްސީގެ ކޮމިޓީއަކީ ސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަޤީޤަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތާއި ގުޅުންހުރި ހެކިތަކުގެ މަޢުލޫމާތު ހޯދުމަށް އެކުލަވާލި ކޮމިޓީއެކެވެ.