ޚަބަރު

އައްޑޫ ސިޓީއަށް ގޮނޑި އިތުރު ކުރުމުގެ މައްސަލަ ތާވަލުކޮށްފި


އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފެށުމަށް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އައްޑޫ ސިޓީއަށް ގޮނޑި އިތުރުކުމާގުޅޭ މައްސަލަ ހުށަހަޅުއްވާފައި ވަނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު ހުސްނުއްސުޢޫދާއި އައްޑޫ ސިޓީއަށް ނިސްބަތްވާ އިތުރު ބޭފުޅަކު ބައިވެރިވެގެންނެވެ. އެއާއެކު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު ބާއްވަން ހައިކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

މި މައްސަލަ ހުށަހެޅުއްވި ފަރާތުންވަނީ މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ހިމަނާފައި އޮތުމުން އެރަށް ލިބެންޖެހޭ ބައެއް ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެފައެވެ. އެއާއެކު އެފަރާތުން ވަނީ މަރަދޫފޭދޫ އަކީ އިންތިޚާބީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މި މައްސަލައާ ގުޅިގެން ދަޢުވާ އުފުލި ފަރާތުން ވަނީ ކޯޓުން އެކަމަށް ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ޙުކުމެއް އިއްވަންދެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ ކަންކަމުގައި އައްޑޫ ސިޓީގެ ކަންކަން މަޑުޖައްސާލުމަށް އަންގާފަދަ ވަގުތީ އަމުރަކަށްވެސް އެދިފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެފަދަ އަމުރަކަށް އެދުނު ސަބަބެއް ކަމުގައި ބުނެފައި ވަނީ ކެމްޕެއިނަށް ޚަރަދުތަކެއް ކޮށްފައިވަނިކޮށް މި މައްސަލައިގެ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅޭއިރު، މައްސަލައިގެ މަގްޞަދު ހާސިލް ނުވެ، އެތައް ބަޔަކަށް އަދި ދައުލަތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީއެވެ.
މިކަމުގައި ވަގުތީ އަމުރަކަށް އެދިފައި ވަނީ މައްސަލައަށް ވަކިގޮތެއް ކަނޑައެޅެންދެން، އައްޑޫ ސިޓީގެ މިހާރު އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް އިންތިހާބާބެހޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އައްޑޫ ސިޓީގެ އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ހުއްޓާލުމަށެވެ. އެގޮތުން އައްޑޫ ސިޓީގެ އިންތިޚާބާގުޅޭ އެއްވެސް އިޖުރާޢަތެއް ކުރިއަށް ނުގެންދިއުމަށް އަންގައި ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.

މަރަދޫފޭދޫ އަކީ އިންތިހާބީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި އެށުގެ ރައްޔިތުން ކުރިންވެސް ވަނީ އިލެކްޝަން ކޮމިޝަނުގައި އެދިފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ވެސް އޮތް ގޮތަށް މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި މަރަދޫފޭދޫ ބޭއްވުމަށް ނިންމަވާފައެވެ.