ޚަބަރު

ރަށްރަށުގެ އާބާދީއަށް އެކަނި ބަލައިގެން ޚިދުމަތްދޭ މިންގަނޑު، ބަދަލުކުރަންޖެހޭ- ހެލްތް މިނިސްޓަރ


ރަށްރަށުގައި ފޯރުކޯށްދޭ ޚިދުމަތްތައް ހަމައެކަނި އެ ރަށްރަށުގެ އާބާދީއަށް ބަލައިގެން ތަރައްޤީކުރުމުގެ ބަދަލުގައި، ޚިދުމަތް ހޯދަން އެ ރަށަކަށް ދާ މީހުންނާއި އިތުރުވާ އާބާދީއަށް ބަލަންޖެހޭކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ބ.އަތޮޅުގައި ކުރިއަށްދިޔަ "މަދިރިއާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށް ހިންގުނު ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވުމަށް ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ދަރަވަންދޫގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރ ވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ، ޚިދުމަތްތައް ތަރައްޤީ ކުރާއިރު ޚިދުމަތް ހޯދާ އާބާދީއަށް ބެލުމަކީ މުހިންމު ކަމެއްކަމަށެވެ.

ދަރަވަންދޫގެ ސިއްޚީ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެރަށަކީ ބ.އަތޮޅުގެ މައި ދޮރާށިކަމުން އެ ރަށުގެ ސިއްޙީ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށުން ލިބޭ ޚިދުމަތްތައް އެރަށެއްގައި ދިރިއުޅޭ އާބާދީއަށް އެކަނި ބަލައިގެން ތަރައްޤީކުރާނަމަ އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ނުދެވޭނެ ކަމަށެވެ. އަދި ބަޖެޓް ހަދާއިރު ހަމައެކަނި އެ ރަށެއްގެ އާބާދީއަށް ބަލައިގެން ބަޖެޓްތައް ތައްޔާރު ކުރަމުންދާތީ މިފަދަ ކަންކަމަކީ ވަގުތުން ވަގުތަށް ހައްލު ކުރަން ދަތި ކަންކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްޙީ ޙިދުމަތް ފޯރުކޮށްދިނުމުގައި މުޅި ރާއްޖޭގައިވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ބޭހާއި ޚިދުމަތްތައް ދިނުމުގައި ދަތިތައް ދިމާވުމާއި މުވައްޒަފުން މަދުވުމަކީ ސިއްޙީ ދާއިރާ އާ މެދު ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށެވެ.

"ބޭސް ބަރާބަރަށް ނުލިބުމާ މެޑިކަލް ކޮންޒިއުމަރސް ބަރާބަށް ނުލިބުމަކީ މިހާރު ރާއްޖެއަށް ސިއްހީ ދާއިރާއިން ރަގަޅު ކުރަން ޖެހޭ ކަންކަން. ޙިދުމަތް ފޯރުކޮށް ދިނުމަށް ހުރި ގޮންޖެހުންތައްވެސް އެބަހުރި، މި ސަރުކާރުން ސިއްޙީދާއިރާއަށް ގެންނަންހުރި ބަދަލުތަކުގެ ތެރެއިން މިހެން ހުރި މައްސަލަތައް ރަގަޅު ވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ބ.އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި ބ.އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންނާއި، ބ.އަތޮޅުގައި ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި ތިބި މެނޭޖަރުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތަކުން ބ.އަތޮޅުގެ ސިއްޙީ ޙާލަތު ރަގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވިގެން ދިޔަކަމަށް ހެލްތް މިނިސްޓްރީންބުނެއެވެ.