ކުޅިވަރު

5 ޓީމާއެކު އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރު ފެށުން


5 ޓީމްއާއެކު އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގެ ކުޅުން ފަށައިފި. މިމުބާރަތުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ އަލްމާ ސްޕޯޓްސް ކުލަބެވެ.

މިމެޗް އަލްމާ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ ވޮލީ ބޯލް ޔޫތް ނިއު ޖެނެރޭޝަންއާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ.
މެޗްގެ ސެޓްތަށް އަލްމާ ސްޕޯޓްސް ކުލަބް ގެންދިޔައީ 25-17، 25-17 އަދި 25-20އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލްމާ ސްޕޯޓްސް ކުލަބްގެ އާމިނަތު ޔުމްނާއެވެ.

މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. މިމެޗް ލޮރެންޒޯ ކާމިޔާބުކޮށްފައިވަނީ ޒެނިތް ސްޕޯޓްސް ކުލަބްއާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗްގެ ސެޓްތަށް ލޮރެންޒޯ ގެންދިޔައީ 25-06، 25-11، 25-09 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮރެންޒޯ ސްޕޯޓްސް ކުލަބްގެ ފާތިމަތު ޖޫޒާން ޒަރީރެވެ.

ފަސް ޓީމްއާއެކު ކުޅެމުންދާ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ދެ ޓީމް ކޮލިފައިވަނީ އެސޯސިއޭޝަން ކަޕްއަށެވެ.
މިދިޔަ އަހަރުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމްގެ ގޮތުގައި ޕޮލިސް ކުލަބްއާއި ވެމްކޯ މުބާރާތް ފަށާނީ އެސޯސިއޭޝަން ކަޕްއިންނެވެ.
ޕްރިލިމިނަރީ ބުރުން ދެ ޓީމްއާއި ޕޮލިސް އަދި ވެމްކޯ ލައިގެން އެސޯސިއޭޝަން ކަޕްގައި ކުޅޭނީ 4 ޓީމެވެ. ޕްރިލިމިނަރީ ބުރުގެ މެޗް މިމަހުގެ 24ހަމައަށް ކުރިއަށްދާނެއެވެ.

އެސޯސިއޭޝަން ކަޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ދެވަނަ ދުވަހުއެވެ.