ޚަބަރު

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި


މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އާންމުކޮށްފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ މި ލިސްޓަށް ބަލާއިރު، ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ސަތޭކަ ފަންސާހަށްވުރެ ގިނަ ފަރާތް ހިމެނެއެވެ. މީގެތެރޭގައި މީރާއިން ގުޅަން މަސައްކަތް ކޮށް ނުގުޅޭ ފަރާތްތައްވެސް ހިމެނެއެވެ.

މީރާއިން ބުނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން އާއްމުކުރުމުގެ އުސޫލުގެ ދަށުން އާއްމުކުރާނީ، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ޓެކްސް ދައްކާ ފަރާތް އަންގައިދޭ ޓިން ނަމްބަރުގެ އިތުރުން އެފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސް ނެގޭ ޙަރަކާތްތަކުގެ ނަމެވެ.
ނަމަވެސް ދައްކަންޖެހޭ ޓެކްސް ދެއްކުމުން ލިސްޓުން ނަން އުނިކުރާނޭކަމަށް މީރާއިން ބުނެއެވެ. މީރާއިން މި ލިސްޓް އާންމުކޮށްފައިވަނީ ސަރުކާރުގެ ގެޒެޓްގެ އިތުރުން މީރާގެ ވެބްސައިޓުގައެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން އާއްމުކުރުމުގެ އުސޫލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ނަން އާއްމުކުރުމުގައި ހަމަހަމަކަމާއެކު ދެފުށް ފެންނަހެން ޢަމަލުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.