ޚަބަރު

ބަލިފަތުރާ ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި


މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގެ ރައްތަކަށް އަމާޒުކޮށްގެން މިއަދު ފަށައިފިއެވެ. މިޕްރޮގްރާމަކީ ސަރުކާރުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެެރޭގައި ހިމެނޭ ކަމެއްކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޑެންގީ ބަލި ފެތުރޭ ގޮތްތަކާ، މިފަދަ ކަމެއް ފެނިޖެ ނަމަ އަމަލު ކުރާނެ ގޮތްތަކުގެ އިތުރުން ޑެންގީ ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ބެހޭ މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެއެވެ.

މިއީ ބ.އަތޮޅު ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ހެލްތް މިނިސްޓްރީއާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މާދަމާ މި މަސައްކަތު ބައްދަލުވުން ނިންމުމަށް ބާއްވާ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.