ޚަބަރު

ސްރީލަންކާއާއި ޖަރުމަނުވިލާތަށް ކަނޑައެޅުއްވި އައު ސަފީރުންނަށް ފަތްކޮޅު ދެއްވައިފި


ސްރީލަންކާއާއި ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤެވެ. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔާންކުރައްވާފައިވަނީ ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޢަބްދުއްރައްޒާޤު މީގެކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރިންގެ މަސައްކަތާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަޤާމު ހިމެނޭ. އަދި، ޢުމަރު ޢަބްދުއްރައްޒާޤަކީ، މިހާރުވެސް ޖޮއިންޓް އޮޕޮޒިޝަން ފޮރިން ރިލޭޝަން ކޮމިޓީގެ މެމްބަރުކަން އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި އަޙްމަދު ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމެވެ.