ވިޔަފާރި

ވޯލްޑް ބެންކުގެ ނާއިބު ރައީސް ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވައިފި


ވޯލްޑް ބޭންކްއިން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ނައިބު ރައީސް، ހާޓްވިގް ޝޭފާ ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވައިފިއެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖުގައެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަލީ މަނިކްގެ އިތުރުން ވޯލްޑް ބޭންކްއިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރ މިރްޒާ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަމީރާއި ވޯލްޑް ބޭންކްގެ ނައިބު ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާއެވެ. އަދި ދިވެހި ސަރުކާރާއި ވޯރލްޑް ބޭންކާއި ދެމެދު އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ހާޓްވިގް ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖޭގައި ނުނިމި ހުރި އެކި މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައި ހުރި އެކި މަޝްރޫޢުތަކަށް ވޯލްޑް ބޭންކުގެ އެހީ ސަރުކާރަށް ލިބިގެންދާނެކަމަށެވެ.

ފިނޭންސް މިނިސްޓަރގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާވެސް ވޯލްޑް ބޭންކުގެ ނާއިބު ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

ވޯލްޑް ބެންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ހާޓްވިގް ޝޭފާ ރާއްޖެއަށް ކުރަމުންދާ ދަތުރުފުޅަކީ އޭނާ މަޤާމައި ހަވާލުވެވަޑައިގަތުމަަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްއާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ ވޯލްޑް ބެންކުގެ މެމްބަރަކަށްވިތާ ސާޅީސް އަހަރު މިއަހަރު ފުރިގެންދިޔައިރު، މިމުއްދަތުގެ ތެރޭގައި 29 މަޝްރޫޢެއް ހިންގާފައިވާއިރު، އެމަޝްރޫޢުތަކަށް ވޯލްޑް ބެންކުން ދުއިސައްތަ ފަންސާސް ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގައި އަށްޑިހަ ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަތަރު މަޝްރޫޢެއް ދަނީ ހިންގަމުންނެވެ.