ޚަބަރު

ފަނޑިޔާރުންގެ މައްސަލަތަކުގެ ހެކި ޖޭއެސްސީއަށް ހުށަހަޅައިފިން - ސުޢޫދު


ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، އަލްއުސްތާޛު ހުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބޭނުންވި ހެކި މިހާރު ހުށަހަޅާފައިވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، ސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއަށް އޭނާ މިއަދު ޙާޒިރުކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ކުރިން ވިދާޅޔުވެފައެވެ.

ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ ސުޢޫދު ވާހަކަފުޅުދެއްކެވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްއެއްގައެވެ. ސުޢޫދަކީ އެކޮމިޝަންގެ ރައީސެވެ.

އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ޓްވީޓް

ސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކުލަވާލި ޖޭއެސްސީގެ ކޮމިޓީއަކީ ސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަޤީޤަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތާއި ގުޅުންހުރި ހެކިތަކުގެ މަޢުލޫމާތު ހޯދުމަށް އެކުލަވާލި ކޮމިޓީއެކެވެ.

ޖޭއެސްސީން ވިދާޅުވެފައިވަނީ ފަނޑިޔާރުންނާމެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އެކަމުގައި ޝާމިލްވާ ކަމަކަށްވާތީއާއި އެކަމުގެ ހަޤީޤަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާމެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމައި ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް ޢާންމުކޮށް ހާމަކުރަމުން ގެންދިއުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ، މަރުގެ މައްސަލަތަކުގެ ތަޙްޤީގުތައް ކިތަންމެ ރަނގަޅަށް ކުރިއަށްގެންގޮސް ކޯޓަށް ފޮނުވިނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ޙުސްނުއްސުޢޫދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގިނަ މަރުގެ މައްސަލަތަކެއް ކޯޓުން ސާބިތުނުވެ، ދޫވުމުގެ ސަބަބުން އިންސާފައް ވާސިލު ނުވެވޭކަމުގެ އިހްސާކުރެވިގެން ވަރަށް ގިނަ ބަޔެއްގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ.