ޚަބަރު

ފާރުގެ މައްސަލައިގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް އަދިވެސް އެއްގަލަކަށް ނޭރިފައި


ހިޖުރަވެރިންގެ މައްސަލައިގައި އެމެރިކާގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހާ ދެމެދު މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޙާއްސަ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފިއެވެ.

ދެ ފަރާތުގެ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ގިނަ ޚިދުމަތްތަތަކެއް ވަނީ މެދުކަނޑާލަން ޖެހިފައެވެ. އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ ކޮންޓްރޯލް ނޮވެމްބަރު މަހު ހޯދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރޭނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެވަޑައިގަންނަވާ ފާރުގެ މައްސަލައެވެ.

އެމެރިކާ ބައްރުގެ އެހެން ޤައުމުތަކުން މެކްސިކޯ ހުރަސްކޮށް ޤަވައިދާ ޚިލާފަށް އެމެރިކާއަށް ވަންނަ ވަނުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެފައިވާ ވަޢުދުގައި ވަނީ ޤައުމުގެ ދެމެދު އުސް ފާރެއް ރާނައިގެން އެ މައްސަލަ ޙައްލުކުރާނޭކަމަށެވެ. މިކަމަށް ފަސް ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފައެވެ.

އަދި މިކަމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފައެވެ. ރައްދުގައި ޑިމޮކްރެޓިކް ޕާޓީއިން ބުނެފައިވަނީ، މިހާ ބޮޑު ޚަރަދެއް ކޮށްގެން އެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ޤައުމަށް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

މިކަމުގައި ދެ ފަރާތުގެ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ އެމެރިކާގެ ދައުލަތުގެ ޚަރަދުތައް ފާސް ނުކުރެވި، އެމެރިކާ ސަރުކާރުގެ ބައެއް ޚިދުމަތްތައް މިވަނީ މެދު ކެނޑިފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް މިގޮތަށް ޚިދުމަތްތައް ކެނޑިފައިވާ އޮންނަ އެންމެ ދިގު މުއްދަތެވެ. މިކަމުގެ ސަބަބުން އަށް ސަތޭކަ ހާސް ސަރުކާރުގެ މުވައްޒަފުންނަށް ނާއީޖާބީ އަސަރު ކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ ފަރާތްތަކަށް ވަނީ އެތައް ހާފުތާއެއްގެ މުސާރަ ނުލިބިފައެވެ.

މިފަދަ ދަނޑިވަޅެއްގައި، އިމިގްރޭޝަންގެ މައްސަލައިގައި އެމެރިކާގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހާ ދެމެދު މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ދުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއަކި ޒަމާނުއްސުރެވެސް އެ ޤައުމަށް ހިޖުރަކުރާ ފަރާތްތަކަށް ހޫނު މަރުޚަބާއެއް ކިޔާ ޤައުމެއް ކަމަށާއި އެހެންނަމަވެސް މިހާރު މި ނިޒާމު މިވަނީ ހަލާކުވެ، އަލުން އިސްލާހުކުރަން ޖެހިފައި ކަމަށެވެ.

މިކަމުގައި ޓްރަމްޕް ހުށަހަޅުއްވާފައިވަނީ، ޅައުމުރުގައި އެމެރިކާއަށް ޤަވައިދާ ޚިލާފަށް ވަދެފައިވާ އަދި މިހާރު އެމެރިކާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމްގެ ދަށުން މިފަދަ ފަރާތްތަކާ ވަރކް ޕަރމިޓާއެކު އިތުރު ތިން އަހަރު އެމެރިކާގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ މި ޕްރޮގްރާމް ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވެފައެވެ.

އަދި ހަނގުރާމަ އާއި ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން ހާލުގައި ޖެހުނު، ބޭރު ޤައުމުތަކުގެ، އެ ފަދަ ރައްޔިތުންނަށް އެމެރިކާގައި މަސައްކަތްކުރުމުގެ ފުރުސަތު ދީ، މި ފަދަ ފަރާތްތަކުގެ ވިސާވެސް ތިން އަހަރަށް އިތުރުކުރުމަށް ޓްރަމްޕް ވަނީ ހުށަހަޅުއްވާފައެވެ. ޓްރަމްޕްގެ މި ހުށަހެޅުންތަކަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ ރައީސް އަދި އިދިކޮޅު ޑިމޮކްރެޓިކް ލީޑަރުން ނޭންސީ ޕެލޯސީ ވިދާޅުވީ، ޓްރަމްޕްގެ މި ހުށަހެޅުންތަކަކީ މީގެ ކުރިންވެސް ހުށަހަޅާ، އެ ފަރާތުން ދެކޮޅުހަދާފައިވާ ކަންތައްތަކެއްކަމަށާއި، އެ ހުށަހެޅުންތައް ބަލައިނުގަނެވޭނޭކަމަށެވެ.