ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހަރޯ ކަމަރައިނެން އާއި އަޒަރުބައިޖާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ.އަޝްރަފް ފަރްހާދް ޝިޚަލިޔޭވްގެ އިތުރުން ސްވިޒަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހޭންސްޕީޓަރ މޮކް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތު ތަކުގައި ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އާ ސަފީރުންނާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އެޤައުމުތަކާ އެކު އޮތް ގުޅުން އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ފަތްކޮޅު އެރުއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ފިންލޭންޑްގެ ސަފީރުވަނީ ކުރިއަށްއޮތް ތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރުރަނގަޅު ނިޒާމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ އެފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށްއޮތްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުންވެސް އެޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ސަފިރުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ޚާއްސަ ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީއާއި ޞިއްޙީ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަޒަރުބައިޖާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު ޑރ.އަޝްރަފް ފަރްހާދް ޝިޚަލިޔޭވް، ވެސްވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަފީރުވަނީ އޭނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައި. އަދި މިއަހަރުގެ މާޗުމަހު ހިންގުމަށް ރާއްވަވާފައިވާ "ޕާޓްނަރޝިޕް ފޯރަމް" ގެތެރެއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަޒަރުބައިޖާންގެ ސަފީރު ވަނީ އެޤައުމުން ދެއްވާ ސްކޮލަރޝިޕްގެ ފުރުޞަތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންގެންދާ ރާއްޖޭގެ ދަރިވަރުންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭނާވަނީ އެޤައުމުން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ އިތުރު ދަރިވަރުންނަށް އެފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ސްވިޒަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހޭންސްޕީޓަރ މޮކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާސަފީރާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްވިޒަރލެންޑާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވައި ހޭންސްޕީޓަރ މޮކްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ 38 އަހަރުފުރެން ގާތްވެފައިވާ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ސްވިޒަރލެންޑާއެކު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރެއްވެން ހުރި ފުރުޞަތުތަކަކީ ކޮބައިތޯ ބައްލަވައި، އެދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާކަން ރައީސް ޞާލިޙް ވަނީ ހާމަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ސްވިޒަރލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހިތްވަރުގަދަ ވަރުގަދަ ސިޔާސަތެއްކަން ހާމަކުރައްވިއެވެ. އަދި އެކަމަށްޓަކައި ދިވެހި ސަރުކާރަށް ތަޢުރީފުކުރައްވައި ރާއްޖެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސްވިޒަރލެންޑް ސަރުކާރުން ދެއްވާނެކަމުގައިވެސް ސްވިޒަރލެންޑްގެ ސަފީރު ވިދާޅުވިއެވެ.