ކުޅިވަރު

ގޯލްކީޕަރ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ފެށުން


ގޯލްކީޕަރ އިންސްޓަރަކްޓަރުން ތަމްރީން ކުރުމުގެ ކޯސް އެފްއޭއެމް އިން ފަށައިފިއެވެ.

ގޯލްކީޕަރުންނަށް ހާއްސަކޮށްގެން އެފްއޭއެމުން އަލަށް މިފެށި ކޯސްގައި ކިޔަވައިދެނީ އިރާންގެ އޭއެފްސީ އިންސްޓްރަކްޓަރެކެވެ.
ރާއްޖޭގައި ދިވެހި ގޯލްކީޕަރުން މަދުވެފައި އޮތް ދަޑިވަޅެއްގައި އެފްއޭއެމުން އިސްނަގައިގެން މިފަދަ ކޯހެއް ހިންގުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެފް.އޭ.އެމްގެ ކޯސްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ޝާޒްލީ ބުންޏެވެ.
ޝާޒްލީ ބުނީ ގޯލް ކީޕަރުންނަށާއި ގޯލް ކީޕަރުން ތަމްރީން ކުރުމުގައި އުޅޭ ފަރާތްތަކަށް މިއީ ރިފްރެޝަރ ކޯހެއްކަމަށެވެ. އަދި މިކޯހުގައި ބައިވެރިންނަށް ބޭސިކް ގޯލް ކީޕިންގެ އިތުރުން މިހާރު ގޯލް ކީޕިންނަށް އައިސްފައިވާ ބަދަލްތައްވެސް ކިޔައިދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޯހުގައި ޕްރެކްޓިކަލް ކުލާސްތަކުގެ އިތުރުން ތިއަރީ ކުލާސްތަކެއްވެސް ކުރިއަށްދާނެކަމަށް ޝާޒްލީ ބުންޏެވެ.

"މިއީ ވަރަށް މުހިންމު ކޯހެއް. ގޯލް ކީޕަރުންނަށާއި ގޯލް ކީޕަރުންނަށް ތަމްރީން ދޭ މީހުނަށްވެސް މީއީ ވަރަށް މުހިންމު ކޯހެއް. މިކޯހުގެ ސަބަބުން ރާއްޖޭގައި ވަރަށް މަދުވެފައިވާ ގޯލް ކީޕަރުން ގިނަވާނެކަމަށް މިބަލަނީ. މިކޯހުގައި ބޭކިސްގެ އިތުރުން މިހާރު ގޯލް ކީޕިންއަށް އައިސްފައިވާ ބަދަލްތަށްވެސް ކިޔައިދޭނެ. އަދި އެންމެ ޒަމާނީ ގޯލް ކީޕިން ހުނަރުތަށްވެސް ކިޔައިދޭނެ." ޝާޒްލީ ބުންޏެވެ.

މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އޭއެފްސީ ގޯލް ކީޕިން ލެވެލް ވަން ހަދަން ފަސޭހަވާނެއެވެ.

ގޯލްކީޕަރުންނަށް ޚާއްސަ އެކަޑެމީއެއް އުފައްދާނެކަމަށް މިދިޔަ އަހަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ވިދާޅުވެފައެވެ. އަދި 2020ވަނަ އަހަރަށް ރާއްޖޭގެ ހުރިހާ ކުލަބަކަށްވެސް ދިވެހި ކީޕަރުން ހޯދައިދިނުމަށް ކީޕަރުން ތަމްރީންކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށްވެސް ބައްސާމްވަނީ ވިދާޅުވެފައެވެ.
2020ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުންނަށް ރާއްޖޭގެ ކުލަބުތަކަށް ނުކުޅެވޭ ގޮތަށް އެފްއޭއެމްއިންވަނީ ހަމަޖައްސާފައެވެ.