ކުޅިވަރު

ކީޕަރ އިމްރާންގެ އެހީ ލޯފަން ޖަމީއްޔާއަށް


އިމްރާން މުޙައްމަދު ޤައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލުމަށް ބޭއްވި ހާއްސަ މެޗުން ލިބުނު ފައިސާއިން ބައެއް ލޯފަން މީހުންގެ ޖަމިއްޔާއަށް ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުޙައްމަދު، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޑް އޮފް މޯލްޑިވްސްއަށް ހަދިޔާކޮށްފައިވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ކުޅުނު ހާއްސަ ފުޓްބޯޅަ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ އެވެ. އެއީ ބާވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ރުފިޔާ އެވެ.

މިމެޗްގައި ވާދަކޮށްފައިވަނީ އިމްރާންގެ ޓީމަކާއި އެފްއޭއެމްގެ ޓީމެކެވެ. މިމެޗް އިމްރާންގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 3 ލަނޑުން ނެވެ.

މި ޙާއްސަ މެޗްގައި އެފްއޭއެމްގެ ޓީމަށް ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ކުޅެފައިވާއިރު، ހާއްސަ މެހެމާނެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލްވަނީ ބައިވެރިވެފައެވެ.

1999ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅެމުން އަންނަ އިމްރާމް މުޙައްމަދު ރަސްމީކޮށް ކުޅުން ހުއްޓާލުމަށް މިދިޔަ މަހުގެ 30ވަނަ ދުވަހު ޚާއްސަ މެޗެއް ކުޅުނު ނަމަވެސް، އިމްރާންވަނީ 2016ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާވަނީ ޤައުމީ ޓީމަށް 111 މެޗް ކުޅެދީފަ އެވެ.

2008ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާވަނީ ސާފް ޗެމްޕިއަންޝިޕްގެ ހަތް މުބާރާތެއްގައި ކުޅެފަ އެވެ.