ކުޅިވަރު

ރޭގެ މެޗަކީ ފަސޭހަ މެޗެއް ނޫން - ކްލޮޕް


އަމިއްލަ ދަނޑުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން މޮޅުވި މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ކްލޮޕް މިހެން ބުނީ ރޭ ހަތަރު ލަނޑު ތިން ލަނޑުން ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ކްރިސްޓަލް ޕެލެސްގެ އަތް ދަށުގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިތާ ހަތް މިނެޓު ތެރޭގައި ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހާ ކްރިސްޓަލް ޕެލެސް ސިއްސުވާލާފަ އެވެ. މި ދެ ލަނޑު ލިވަޕޫލަށް ޖަހައިދިނީ، މުހައްމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނޯ އެވެ. ފިރްމީނޯ ލަނޑުން ލިވަޕޫލް ލީޑުނެގިފަހުން ކްރިސްޓަލް ޕެލެސްގެ ޖޭމްސް ޓޮމްކިންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ޕްރިމިއަރ ލީގުގައި ސަލާހް ލިވަޕޫލަށް ކުޅެދިން 72 މެޗުން ޖެހި 50 ވަނަ ގޯލެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ މާނޭ އެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކްރިސްޓަލް ޕެލެސް އިން ވަނީ އެޓީމުން ޖެހި ތިން ވަނަ ޖަހާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ، މެކްސް މޭޔާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އޭނާގެ ޓީމުން ކަމަށާއި، ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސް ކުރީ ލިވަޕޫލްކަމަށެވެ. ކްލޮޕް ބުނީ މެޗުގެ ދެވަނަ ހާފުގައި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، ހާއްސަކޮށް ފޯވާޑް ސަލާހުގެ ކުޅުން ފާހަގަކޮށްލެވޭކަމަށެވެ.

މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއަރ ލީގު އެއްވަނައިގައި ލިވަޕޫލް އޮތީ ފަސްދޮޅަސް ޕޮއިންޓާއެކު.