ކުޅިވަރު

ފުރަތަމަ 6 މެޗުން މޮޅުވެ ޔުނައިޓެޑާއެކު ސޮލްޝެއާ ރެކޯޑެއް


މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވެ ޕްރިމިއާރ ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވި ހަމައެކަނި ކޯޗުގެ ޝަރަފް އޮލެގުނަ ސޯލްޝެއާ ހޯދައިފި އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ބްރައިޓަންއާ ވާދަކޮށް އެޓީމުން މެޗު ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުން ނެވެ. ސޯލްޝެއާ ޔުނައިޓެޑާއި ހަވާލުވުމަށްފަހު ވަނީ ލީގުގެ ހަ މެޗުގެ އިތުރުން އެފްއޭ ކަޕްގައި ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައެވެ.

މޮރޯނިއޯ މަގާމުން ދުރުކުރުމަށްފަހު ސޯލްޝެއާ ޔުނައިޓެޑާއި ހަވާލުވިފަހުން އެޓީމު އަންނަނީ ރަގަޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ޕައުލް ޕޮގްބާ އަދި މާކަސް ރަޝްފޯޑް އެވެ. ޕޮގްބާގެ ލަނޑަކީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އޭނާ ޖަހައިދިން ލަނޑެކެވެ. ޔުނައިޓެޑު ދެ ގޯލުގެ ލީޑެއްގައި އޮއްވައި ބްރައިޓަން އަށް ފަރަގު ކުޑަކޮށްދިނީ މެޗުގެ 72 ވަނަ މިނެޓުގައި ޕަސްކާލް ގްރޮސް އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާ ބުނީ، މި މެޗުން މޮޅުވެ މި ލިބުނު ތިން ޕޮއިންޓަކީވެސް ތާވަލްގެ ގަދަ ހަތަރަކަށް ވަނުމަށް ލިބުނު ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

ސޮލްޝެއާ ބުނީ މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑަށް އިތުރު ދެ ލަނޑު ޖަހާނެ ފުރުސަތު ލިބުނު ކަމަށެވެ. ސޮލްޝެއާ ބުނީ ޖެހިޖެހިގެން ހަތް މެޗުން މޮޅުވުމުން ކުޅުންތެރިންގެ މެދުގައި އޮންނަ އިތުބާރު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފިކަމަށެވެ.