ދީން

ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ދެމަފިރިންގެ ގުޅުން ރަނގަޅު ކުރެވިގެން- ޝައިޚް އަނީލު


ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ދެމަފިރިންގެ އުޅުމާއި ގުޅުން ރަނގަޅު ކުރެވިގެންކަމަށް ދީނީ ޢިލްމްވެރިއާ އައްޝައިޚް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މަޙަލްދީބް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ތަރުބިއްޔަތު ޝިޢާރުގެ ދަށުން "ހެޔޮލަފާ ދަރިއަކަށް އެދި" މި މައުޞޫއަށް އިސްލާމީ މަރުކަރުގައި ކުރިއަށްގެންދިޔަ ދަރުސްގައި، އައްޝައިޙް މުޙައްމަދު އަނިލްވަނީ މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.

ޝައިޙް ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ، މަންމަ އާއި ބައްޕަ އުޅޭ މާހައުލަކީ ހަނގުރާމައިގެ މައިދާނެއްފަދަ މާހައުލަކަށް ވެއްޖެނަމަ ދަރިންނަށް އެންމެ އެދެވޭ ތަރުބިއްޔަތެއް ނުދެވޭނެ ކަމަށެވެ. އެެހެންކަމުން ދީނުގައި ދެމަފިރިންގެ ގުޅުން ބަދަހިކޮށް އެގުޅުން ދެމެހެއްޓުމަށް ބާރުއަޅުއްވާފައިވަނީ މި ސަބަބާހެދިކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. އަދި އެ ގުޅުމުގެ ތެރެއަށްވަދެ، އެގުޅުން ކަނޑުވާލަން މަސައްކަތްކުރާ މީހާއަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައުނަތް ލައްވާނެ ކަމުގެ އިންޒާރު ކީރިތި ރާސޫލާގެ ދެއްވަފައިވާކަން އެކަލޭގެފާނުގެ ހަދީސްފުޅުތަކުން ސާބިތުވާކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޙް ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުވާންޖެހޭ ކަމަށާ، މިއަދުގެ މުޖުތަމައުގައި ލާދީނިއްޔަތައް ދަރިން ގެންދާން އުޅޭ ބަޔަކާއި އިސްލާމްދީނުގެ ނަމުގައި މުންކަރާތްތައް ފަތުރަން އުޅޭޭ ބަޔަކުވެސް ދިރިއުޅެމުންދާކަމަށެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުކުރުމުގައި ފަރުވާ ކުޑަނުކޮށް ދަރިންނަށް ވަގުތު ދިނުމާއި ލޯބިވާކަން އަންގައިދިނުން މުހިންމުކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ދަރިން ދެކެ ލޯބިވާކަން ދުލުން ބުނާފަދައިން އެކަން ދަރިންނަށް އިހުސާސްކޮށްދިނުމަކީވެސް މުހިންމު ކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝަހިޙް އަނިލް ވަނީ، ދަރިން ފުރާވަރަށް އަރަމުން އަންނަ އުމުރަކީ ބެލެނިވެރިން އެކަމަށް ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާ، ދަރިންގެ އުޅުން ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ޝައިޚް ވަނީ ދަރިންނަށް ކުރެވޭ ކުށްތަކަށް އަދަބު ދިނުމުގެ ބަދަލުގައި މައިންބަފައިނާއި ދަރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ހެޔޮ ގޮތުގައި ނަސޭހަތްތެރިވެ ދަރިންގެ އުޅުން ރަނގަޅު ކުރުމަށް ބާރުއެޅުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދިވެހި މުޖުތަމައިން ފެންނަ ބައެއް ކަންތައްތަކަށް އިޝާރާތްކުރައްވާ ޝައިޚް އަނިލް ވިދާޅުވީ، ދަރިން ރުއްސުމަށް ނުވަތަ ދަރިން ބަލަމުން މަސައްކަތް ކުރަން އުނދަގޫވުމުން ކަޓޫން ފަދަ ތަކެތި ބެލުމަށް ދަރިން ދޫކޮށްލާތަން ފެންނަ ކަމަށާ، ނަމަވެސް ދަރިން އެ ދޫކޮށްލެވެނީ ދީނުގައި ނަހީކުރައްވާފައިވާ ގިނަ އަމަލުުތަކެއް ހިނގާ މަންޒަރުތަކެއް ބެލުމަށް ކަމަށެވެ. އެގޮތުން ކުޑަކުޑަ ކުދިިންގެ ކާޓޫން ތަކުގައި ހިމެނޭ ތަފާތު ދީންތަކުގެ މަންޒަރުތަކާއި މަސްތުވާ މަންޒަރާއި ދެޖިންސު ގައިގޯޅިވާ މަންޒަރުތަކަކީ މުސްލިމުންގެ ދިރިއުޅުމުގައިވެސް ކުރަން ހަރާމްކުރައްވާފައިވާ ކަންތައްތަކެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ޝައިޚް ވަނީ، ދަރިން ބަލާ މިފަދަ ތަކެއްޗަކީ އެކުދިންގެ އުމުރާ ގުޅޭ ރައްކާތެރިތޯ ކަށަވަރު ކުރުމަށްވެސް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.