ކުޅިވަރު

ވިދާދު ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސްގެ ތަށި މިލްކުކޮށްފި


29 ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އާމިނަތު ވިދާދު ހޯދައިފިއެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން އާމިނަތު ވިދާދު ހޯދާފައިވަނީ ގައުމީ މުބާރާތުގެ ފައިނަލުން އަލަށް ޖާގަ ހޯދި އާމިނަތު ޝުބާ އާދަމްއާއި ވާދަކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެޓުގައި ޝުބާވަނީ ފަނަރަ ޕޮއިންޓްގެ ލީޑްއެއް ނަގާ ވިދާދު ޕްރެޝަރަކަށް ދުއްވާލާފައެވެ. ނަމަވެސް ތަޖްރިބާގެ ބޭނުންކޮށްގެން ވިދާދުވަނީ ފަހަރުން އަރާ 24-24އަށް އަރާ ހަމަހަމަކޮށްފައެވެ. ފޯރިގަދަ ފުރަތަމަ ސެޓު ކާމިޔާބުކުރީ ޝުބާ އާދަމްއެވެ.

ފުރަތަމަ ސެޓާއި ހިލާފަށް މެޗްގެ ދެވަނަ އަދި ތިންވަނަ ސެޓުގައި ވިދާދުވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް މެޗްގެ ކޮންޓްރޯލް ހޯދާ ޗެންޕިއަންކަން ހޯދާފައެވެ. ވިދާދު ޗެންޕިއަންކަން ހޯދިނަމަވެސް ފައިނަލްގައި އަލަށް ވާދަކުރި ޝުބާވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު ޗެންޕިއަންކަން ހޯދި އާމިނަތު ވިދާދު ބުނީ ފުރަތަމަ ގޭމްގައި ބޮޑު ތަފާތަކުން ބަލިވާން ދަނިކޮށް ފަހަތުން އަރާ އެއްވަރު ކުރުމަކީ ދެވަނަ ސެޓާއި ތިންވަނަ ސެޓަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި ހާއްސަކޮށް މެޗުން މޮޅުވުމުގައި ތަޖްރިބާގެ ބޭނުން ވަރަށް ހިފުނުކަމަށްވެސް ގައުމީ މުބާރާތް މިލްކު ކުރި އާމިނަތު ވިދާދު ބުންޏެވެ.

" މެޗް ލައިވްކޮށް ދަންކަން ފެށުމުން ފުރަތަމަ ގޭމްގައި ވަރަށް އުދަގޫވި ހާސްވެސްވި. ނަމަވެސް ދެވަނަ ގޭމްއާއި ހިސާބަށް އައިއިރު އެކަން ހަމަޔަކަށް އެޅިއްޖެ. ފުރަތަމަ ގޭމްގައި ތަފާތު ބޮޑުކޮށް ބަލިވެފައި އޮއްވާ ފަހަތުން އަރާ އެއް ވަރުކުރުމަކީ 2ވަނަ އަދި 3 ވަނަ ގޭމް ކާމިޔާބުކުރުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް. އަދި ކުރިންވެސް ފައިނަލްތަށް ކުޅެފައި ހުރުމުން ޕްރެޝަރުގައި ކުޅުމަށް ކޮންމެވެސް ވަރަކަށް ފަސޭހަވަގެންދިޔަ" ވިދާދު ބުންޏެވެ.

ގައުމީ މުބާރާތުގެ ފައިނަލްގައި އަލަށް ވާދަކުރި ޝުބާ އާދަމް ބުނީ ފުރަތަމަ ސެޓުގައި ވިދާދު ބޮޑު ތަފާތަކުން ބަލިކުރަން ލިބުނު ފުރުސަތު ގެއްލުނީ އަމިއްލަ ބައެއް މިސްޓޭކްތަކުގެ ސަބަބުންކަމަށެވެ. އަދި އަލަށް ފައިނަލެއްގައި ކުޅުމުން، މާބޮޑަށް ހާސްވީކަމަށާއި ފުރަތަމަ ފަހަރުވުމުން ބައެއް ކަހަލަ މިސްޓޭކްތައް ހެދުނީކަމަށެވެ.

"ބައެއް ކަހަލަ އަމިއްލަ މިސްޓޭކްތަށް ދަންކޮށްޅެއް ގިނަވީ ފަހުން. ފުރަތަމަ ފައިނަލް ވީމަ ހާސްވެސް ވި. މުބާރާތުގައި މެޗްތަކުގައި ލައިޓް ހުރި ގޮތާއި ފައިނަލް މެޗްގައި ލައިޓް ހުރި ގޮތުން ފައިނަލް މެޗް ކުޅެން ތަންކޮޅެއް އުދަގޫވި އަސްލުގަ. ވަރަށް ހިތްވަރުވެސް ކުރިން އެކަމަކު ބަލިވީ" ޝުބާ ބުންޏެވެ.

29 ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން މިލްކުކުރި އާމިނަތު ވިދާދަކީ އަންހެން ސިންގަލްސް ތަށި މިލްކުކުރި 4ވަނަ ކުޅުންތެރިޔާއެވެ.