ކުޅިވަރު

މަހަކު އެއްފަހަރު ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ރިސޯޓުތަކަށް ގެންދަނީ


ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނާއި ހަމަޔަށް މަހަކު އެއްފަހަރު ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި ގުޅޭގޮތުން ކޮންމެ މަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ސެލެބްރިޓީންނަކީ ހަމައެކަނި ސިޔާސީ ފަރާތްތަކުން ނޫންކަމަށާއި، ރާއްޖޭގެ ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންގެ އަގުވެސް ވަޒަންކުރަން ޖެހޭކަމަށެވެ.

އެގޮތުން ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ރިސޯޓުތަކުގެ މުވައްޒަފުންނާއި ހަމަޔަށް ގެނެސްދިނުމަށް ގިނަ ރިސޯޓުތަކުގެ މުވައްޒަފުން އެދެމުން އަންނަކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ކްލަބާއި ރިސޯޓުތަކުގެ މެނޭޖްމަންޓްތައް ގުޅިގެން މި މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސިޔާސީ ފަރާތްތަކެއް ނޫން ހަމައެކަނި ރާއްޖޭގެ ސެލެބްރިޓީން ނަކީ. ޤައުމީ ޓީމުތަކައް ކުޅޭ ކުޅުންތެރިންނަކީވެސް އަސްލު ސެލެބްރިޓީން. މިމަހުން ފެށިގެން އަޅުގަނޑުމެން މި ފަށަނީ ހުރިހާ ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ރިސޯޓުތަކަށް ގެންދިޔުމުގެ މަސައްކަތް." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ރިސޯޓުތަކުގެ މުވައްޒަފުންނާއި ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ބައްދަލުވެ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ