ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގަ އަމާޒަކީ ފައިނަލަށް ދިޔުން - އަންހެން ގައުމީ ޓީމްގެ ކޯޗް


މިފަހަރުގެ އަންހެން ސާފް ޗެންޕިއަންޝިޕްގެ އަމާޒަކީ ފައިނަލަށް ދިއުންކަމަށް ޤައުމީ އަންހެން ޓީމްގެ ކޯޗް މުޙައްމަދު އާތިފް (އާތި) ބުނެފިއެވެ.
ރާއްޖޭގެ އަންހެން ޓީމްވަނީ ސިންގަޕޫރުގައި އޮތް ވުމަންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. ރާއްޖޭގެ ޓީމް ތިންވަނަ ހޯދާފައިވަނީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އިންޑިނޯޝިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ އަންހެން ޓީމް ފަރިތަކުރުންތައް ކުރިއަށްގެންދާތާ މިހާރު 18 މަސްދުވަސް ވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް މުޙައްމަދު އާތިފް ބުނީ ރާއްޖޭގެ ފިރިހެން ޓީމަށް 2008ވަނަ އަހަރު ރަން މެޑަލް ލިބުނު ފަހުން އިތުރު ރަން މެޑައްޔެއް ރާއްޖެއަށް ލިބުނީ 10 އަހަރުފަހުންކަމަށެވެ. އާތިފް ބުނީ މެޑައްޔަކީ ވަރަށް ގިނަ އަދި ވަރަށް ބުރަ މަސައްކަތުން ކާމިޔާބު ކުރެވޭ އެއްޗެއްކަމަށާއި ގައުމީ އަންހެން ޓީމް ރަން މެޑައްޔެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ގައުމީ އަންހެން ޓީމްވަނީ މިދިޔަ އަހަރު 4 މުބާރާތް ކުޅެފައެވެ. އަދި ބަޙްރެއިންގައިވެސް މިދިޔަ އަހަރު އަންހެން ޓީމްވަނީ ކޭމްޕެއް ކޮށްފައެވެ.
އާތިފް ބުނީ މިހާރު ރާއްޖޭގެ އަންހެން ޓީމަށް ހިތްވަރު ލިބިފައިވާކަމަށާއި ޕްރެޝަރު ހޭންޑްލް ކުރަންވެސް ކުޅުންތެރިން ދަސްކޮށްފައިވާކަމަށެވެ.

"ލަންކާ އަތުން މޮޅުވުން އެންމެ ފުރަތަމަ އޮތް ކަމަކީ. ލަންކާ އަތުން އެބަޖެހޭ މޮޅުވާން. މޮޅުވެގެން ނޫނީ މުބާރާތުގައި ކުރިއަށް ނުދެވޭނެ. އެއީ ފުރަތަމަ މެޗް. އެހެންވީމަ ލަންކާއަތުން މޮޅުވާން ކުރެވެން ހުރި ހުރިހާކަމެއް ކުރާންނަން. ކުޅުންތެރިންވެސް ބަލާހެން ކޯޗްއެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް މިދަނީ ލަންކާ ޓީމް ކޭންޕް ކުރާތަން ބަލަމުން. އެޓީމްގެ ހާލަތު ބަލަމުން. އެޓީމްގެ ބަލިފައި އަދި އެޓީމްގެ އެންމެ ވަރުގަދައީ ކޮންކަމެއް ތޯވެސް ބަލަމުން. މިހެން ބުިކަމުގައި ވީނަމަވެސް ލަންކާ މެޗްވެސް ފަސޭހައެއް ނުވާނެ. ނަމަވެސް ޓީމްއަށް ވަރަށް ޔަގީންކަން އެބަހުރި ޓީމް ބަލިކުރެވިދާނެކަމަށް. ދެން އޮތީ އިންޑިޔާ. އިންޑިޔާ މެޗް އަހަރުން މިބަލީ ދެ ގޮތަކަށް. ޑްރޯކުރުން ފުރަތަމ ގޮތަކީ ނުވަތަ މޮޅުވުން. ނަމަވެސް އިންޑިޔާ ފަދަ ޓީމްއެއް އަތުން މޮޅުވުމަކީ ވަރަށް އުދަގޫކަމެއް. ނަމަވެސް އެއީ ނުވާނެކަމެއްނޫން." އާތިފް ބުންޏެވެ.

މިދިޔަ އަހަރު ގައުމީ އަންހެން ޓީމް ހޯދި ބްރައުންޒް މެޑައްޔަކީ މިހާތަނަށް ރާއްޖޭގެ އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.