ކުޅިވަރު

ބަޔާން މޮޅުވެ ފަރަގު ކުޑަކޮށްފި


ހޮފެންހެމް ބަލިކޮށް ބަޔާން މިއުނިކް، ސާޅީސް ދެ ޕޮއިންޓާއެކު ބުންޑަސް ލިގާ ތާވަލުގެ އެއްވަނައިގައި އޮތް ޑޯޓްމަންޑާ ތިން ޕޮއިންޓާއި ގާތަށް ޖެހިލައިފިއެވެ.

ބަޔާންއިން ހޮފެންހެމްގެ މައްޗަށް ކުރި ހޯދީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ބަޔާންއަށް ލީޑްނަގައިދިނީ ލެއޯން ގޮރެޓްޒްކާއެވެ.

23 އަހަރުގެ ޖަރުމަނު މިޑްފީލްޑަރ ގޮރެޓްޒްކާ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ވެސް ޖަހާ ބަޔާންގެ ލީޑް ފުޅާކޮށްދީފައެވެ. ހޮފެންހެމްއަށް ސުން ކަނޑުވާލަދިނީ ހޮފެންހެމްގެ ޖަރުމަނު މިޑްފީލްޑަރ ނީކޯ ޝޫލްޒްއެވެ. މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަޔާންގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯވްސްކީއެވެ.

ފިނި މޫސުމަށް ސީޒަން މެދުކަޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗް ބަޔާނުން ކާމިޔާބުކޮށްފައިވާއިރު، މި ސީޒަންއަކީ، 2011 ވަނަ އަހަރުގެ ފަހުން ބަޔާނަށް ބުންޑެސްލިގާ ތާވަލުގެ އެއްވަނައިގައި އޮވެ އާ އަހަރު ނުފެށުނު ފުރަތަމަ ސީޒަންއެވެ.

ފާއިތުވި ހައަހަރުވެސް ބުންޑަސްލިގާ ކާމިޔާބުކުރި ދިފާއީ ޗެމްޕިއަނުން ގެ މައްޗަށް އަނެއްކާވެސް ހަ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު، ލީޕްޒިގާއި ވާދަކުރާ މެޗްގައި ޑޯޓްމަންޑަށް ލިބޭނެއެވެ.