ކުޅިވަރު

އިސްކޯއާ އެހެން ކުޅުންތެރިންނާ ތަފާތެއް ނުކުރަން - ސޮލާރީ


އިސްކޯއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއާ އެހެން ކުޅުންތެރިންނާ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ސާންތިއާގޯ ސޮލާރީ ބުނެފިއެވެ.

އޮކްޓޯބަރ މަހު ހޫލިއެން ލެޕެތޮގީ ކޯޗް ކަމުން ވަކިކުރުމުން ސޮލާރީ އެ މަގާމަށް އައްޔަން ވި ފަހުން، އިސްކޯއަށް ދަނޑުމަތިން ފުރުސަތު ލިބެނީ މަދުންނެވެ. ހާއްސަކޮށް ލެގަނޭސް އަތުން އެއް ލަނޑު ސުން ލަނޑުން ބަލި މެޗްގެ 67 ވަނަ މިނެޓްގައި އިސްކޯ ބޭލުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ސިހުމަކަށެވެ. އަދި ދަނޑުން ފޭބުމުން އިސްކޯއާ ސޮލާރީ ސަލާމް ނުކޮށް، ވަންކޭޒްއާ ސަލާމް ކުރުމުން ސޮލާރީ ތަފާތުކުރުން ގެންގުޅޭކަމަށް މީޑިޔާގައި ވަނީ އަޑު ފެތުރިފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިކު ކުރި ސުވާލަށް ޖަވާބުދެމުން ސޮލާރީ ބުނީ އިސްކޯއަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި އިސްކޯއެކޭ އެއްގޮތަށް ސްކޮޑްގައި ދެންތިބީ ވެސް ހުސް މޮޅު ކުޅުންތެރިންކަމަށެވެ. އަދި އެހެން ކުޅުންތެރިންނަށް ފުރަތަމަ އެގާރާއިގައި ހިމެނުމަށް އޮންނަ ފުރުސަތު އިސްކޯއަށްވެސް އޮންނާނެ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން އިސްކޯއާ ސޮލާރީއާ ދެމެދު ހިތްހަމަނުޖެހުން އުފެދިފައިވަނީ ސޮލާރީ ކޯޗްކޮށްދިނުމުގައި ގެންގުޅޭ އުސޫލުތަކަށް އިސްކޯ ފާޑުކިޔުމުންނެވެ.