ކުޅިވަރު

ފޯވާޑެއް ނެތިގެން ހާހެއް ނުވޭ - ޕޮޗެޓީނޯ

ޓޮޓެންހަމްގެ ކެޕްޓަން އަދި އަދި ފޯވާޑް ހެރީ ކޭންއަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުނަސް އާ ފޯވާޑެއް ހޯދަން އެޓީމު ޕްރެޝަރަށް ނުދާކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ކޭން އަށް އަނިޔާވީ ޕްރިމިއާރ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
ޔުނައިޓެޑްގެ ފިލް ޖޯންސް އާއި ވިކްޓަރ ލިންޑެލޯފް ކޭން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަނިޔާވީ ކޭންގެ ކުޑަ ހުޅަށެވެ.
ކޭން އަށް މި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ މާޗް މަހުގެ ކުރީކޮޅުއެވެ.
ޕޮޗެޓީނޯ ބުނީ ކޭން ފެންވަރުގެ ކުޅުންތެރިއަކު ނެތުމުން އެކަމުގެ އަސަރު ޓީމަށް ކުރާނެކަމަށެވެ.

އަނިޔާގެ ސަބަބުން ކޭން ގެއްލުނުއިރު މިވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި ސޮން ހެއުން މިން ވެސް މިހާރު ހުރީ ޔޫއޭއީ ގައި ކުރިއަށްދާ އޭޝިއަން ކަޕްގައި ސައުތު ކޮރެއާގެ ޓީމާއި އެކީއެވެ. އޭޝިއަން ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސައުތު ކޮރެއާ ޓީމު ފައިނަލަށް ދަތުރުކޮށްފިނަމަ ޓޮޓެންހަމާއި ސޮން އަލުން ގުޅޭނީ އަންނަ މަހުގެ ކުރީކޮޅުއެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ.

ލީގުގައި ކޭން 14 ގޯލު ޖަހައިފައިވާއިރު ސޮން ވަނީ އަށް ގޯލު ޖަހައިފައެވެ. ޓޮޓެންހަމުން ފަހަކަށް އައިސް ނެރުނު ނަތީޖާތަކުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންކީވެސް ކޭން އާއި ސޮންއެވެ.