ޚަބަރު

ޕާޓީއަށް ވުރެ ޤައުމު އިސްކުރޭ - މައުމޫން


ޕާޓީގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ގޮވާލައްވާފައި މިވަނީ ސަރުކާރު ހިމެނޭ ކޯލިޝަން ތެރޭ ހިޔާލު ތަފާތުވެ ކޯލިޝަން ރޫޅިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަން އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުންވެސް ޕާޓީގެ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.

މައުމޫން ވިދާޅުވީ ކޯލިޝަން ވަރުގަދަކޮށް ރޫޅަނަ ނުދީ ދެމެހެއްޓުމަކީ ކޯލިޝަންގައި ހިމެނޭ އެންމެންގެވެސް ވާޖިބެއްކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހަތަރު ލީޑަރުންގެ މަސްއޫއްލިޔަތު ވަރަށް ބޮޑުކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ކޯލިޝަން ތެރޭ ހިޔާލު ތަފާތުވުން އުފެދި ކޯލިޝަން ރޫޅިދާނެކަމުގެ ބީރު ހިވެފައިވަނިކޮށެވެ. އަދި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކާއި ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ގުޅެން ތައްޔާރަށް އޮތްކަން އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރޭ ވިދާޅުވެފައިވަނިކޮށެވެ.