ޤައުމީ ޔުނިވަރސިޓީގެ ބައެއް ބިންތައް ހުސްކުރުމަށް ހަތްދުވަސް ދީފައިވަނީ، ޔުނިވަރސިޓީ އަށް އެކި ފަހަރުމަތިން ބިންތަކެއްދީ އެހެން ނަމަވެސް އެކަމަށް ޔުނިވަރސިޓީން އިޖާބަދީފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންޑަރ ސެކްޓްރީ ޑޮކްޓަރ ހުސައިން ފާއިޒް ވިދާޅުވީ، ބިންތައް ހުސްކުރުމާއި ގުޅޭގޮތުން ޔުނިވަރސިޓީން ސަރުކާރާއި އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި އެކަމަށް އެދިފައިވެސް ނުވާކަމަށެވެ. ފާއިޒް ވިދާޅުވީ ސަރުކާރުން ބިންތަކެއް ދީ އޮޕްޝަންސްތަކެއް މީގެ ކުރިން ދިނުމުންވެސް ޔުނިވަރސިޓީން އިޖާބަދީފައިނުވާކަމަށެވެ.ބާ ޖަމާލުއްދީން ކުއްލިއަކަށް ހުސްކުރުމުން އެތައް ކުދިންތަކެއްގެ ކިޔެވުން ހުއްޓޭނެ ކަމަށް އެޔުނިވާސިޓީިން ބުނާ އިރު އެ އިމާރާތް ހުސްކުރުމަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމާއި ޖާގައިގެ ދަތިކަން ހައްލު ކުރަން މަޝްވަރާ ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް މަޝްވަރާއަކަށް ޔުނިވަރސިޓީން އެދިފައިނުވާކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.އަނެއްކޮޅުން ޤައުމީ ޔުނިވަރސިޓީން އެކި ފެކަލްޓީތަކާ އިތުރު އިދާރާތައް ހިންގަމުންދާ ސޯސަންގެއާ ބާ ޖަމާލުއްދީން ހަފްތާއެއްގެ ތެރޭގައި ހުސްކުރުން އެއީ ޔުނިވަރސިޓީގެ މިހާރުގެ ހާލަތު ހުރިގޮތުން ކުރެވޭނެ ކަމެއްނޫންކަމަށް ޔުނިވަރސިޓީން ބުނެއެވެ.ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ހަސަން ހަމީދު ވިދާޅުވީ، ޔުނިވަރސިޓީގެ އެކިފެކަލްޓީތައް މިހާރުވެސް ހިނގަމުންދަނީ އެކަށީގެންވާ ޖާގަނެތި ވަރަށް ދަތިގޮތަކަށްކަމުން މި ދެ އިމާރާތުގައި ހިނގަމުންދާ ފެކަލްޓީތަކާ އިދާރާތައް ބަދަލުކުރެވޭނެ ޖާގައެއް ޔުނިވަރސިޓީގެ އިމާރާތްތަކުގައި ނެތްކަމަށެވެ.ރައީސް އޮފީހުގެ އަންޑަރ ސެކްޓްރީ ޑޮކްޓަރ ހުސައިން ފާއިޒް ވިދާޅުވީ ބާ ޖަމާލުއްދީން ހުސްކުރުމަށް 2005 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެންގުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާ އިރު މިދިޔަ އޮގަސްޓު މަހު ވެސް ތިން މަހުގެ ނޯޓިސް ދީފައިވާނެ ކަމަށެވެ.ސަރުކާރުން ބާ ޖަމާލުއްދީން ހުސްކުރަން ބޭނުންވަނީ އެ އިމާރާތަކީ ދަރިވަރުންނަށް ރައްކާތެރި އިމާރާތަކަށް ނުވާތީ ދަރިވަރުންނަށް ލިބިދާނެގެއްލުމަކަށް ބަލާފައިކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.ސަރުކާރުން ތަޢުލީމަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަމަށް ވިދާޅުވެ، ޔުނިވަރސިޓީގެ އިތުރުން މަތީ ތަޢުލީމް ފޯރުކޮށްދޭ އަމިއްލަ ތަންތަނަށްވެސް ބިމުގެ ގޮތުން ސަރުކާރުން އެހީތެރިވާން ބޭނުންވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.