ޚަބަރު

ދަރިންނަށް ކުރާ ޙަރަދާއި އުފުލާ ބުރައަކީ އެ ދަރިން ރަނގަޅު ބަޔަކަށް ހެދުމަށް ކުރެވޭ ހޭދައަކަށް ހަދަންޖެހޭ


ދަރިންނަށް ކުރާ ޙަރަދާއި އުފުލާ ބުރައަކީ އެ ދަރިން ރަނގަޅު ބަޔަކަށް ހެދުމަށް ކުރެވޭ ހޭދައަކަށް ހެދުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއާ އައްޝައިޚް ޢަލީ ޒާހިދު ގޮވާލައްވައިފިއެވެ.

އަލް ޙިޖްރަ ޖަމްޢިއްޔާއިން އިސްނަގައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލޭގައި ބޭއްވި ދަރުސްގައި، ޝައިޚް ޢަލީ ޒާހިރު ވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްލާމް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުކަމާއި އެކަމުގެ މުހިންމުކަމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ދެއްވާފައެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރާއިރު، އެ ދަރިންގެ ކިބައިން މައިންބަފައިން ބޭނުންވާ ނަތީޖާ ނުފެންނަ ނަމަ އެކަން އެހެން ވާންޖެހުނު ސަބަބެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދަރިންނާމެދު ހަރުކަށިވާންޖެހޭ ދަނޑިވަޅުތަކާއި މަޑުމައިތިރިކަމާއެކު މުއާމަލާތު ކުރަންޖެހޭ ވަގުތުތައް އަންނާނޭކަން ޝައިޚް ފާހަގަކުރެއްވިއެވެ. އަދި ދަރިންނާ މުޚާތަބްކުރާއިރު ލޯބިން މުޚާތަބްކުރުމަށާއި ދަރިން ދެއްވުމަށްއެދި ދުޢާ ކުރާއިރު ހެޔޮލަފާ ޞާލިޙް ދަރިން ދެއްވުމަށް އެދި ދުޢާ ކުރުމަށް ޝައިޚް ވަނީ ގޮވާލައްވާފައެވެ.

ދަރިންނަށް ކުރާ ޙަރަދާއި އުފުލާ ބުރައަކީ އެ ދަރިން ރަނގަޅު ބަޔަކަށް ހެދުމަށް ކުރެވޭ ހޭދައަކަށް ހެދުމަށް ގޮވާލައްވައި ޝައިޚް ވިދާޅުވީ، ހެޔޮ ކަންތައްތައް ކުރުމަށް ދަރިންނަށް ހަނދާންކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދަރިންނަށް ހެޔޮ ކަންތައްތަކަށް އަމުރު ކުރާއިރު ޢަމަލީގޮތުން އެކަމުގެ ނަމޫނާ ދެއްކުމަށް ޝއިޚް ވަނީ ބެލެނިވެރިންނަށް ގޮވާލައްވާފައެވެ. އަދި ނަމޫނާ ދެއްކުމާއެކު ދަރިން އުޅޭ ނޫޅޭގޮތް ބެލުމަކީވެސް މައިންބަފައިންގެ މައްޗައް އޮތް ވާޖިބެއްކަން ޝައިކް ވަނީ ހަނދާންކޮށްދެއްވާފައެވެ.

މީގެ އިތުރުން ޝައިޚް ވަނީ މައިންބަަފައިން ދަރިން ތަރުބިއްޔަތުކުރުމަށް ކުރާ މަސައްކަތް ބަލައިގަނެ ދަރިން މައިންބަފައިންނަށް އެއްބާރުލުން ދިނުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

ޝައިޚް ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ދީނައް ލޯބިކުރާ، ނަމާދައް ރައްކާތެރި ދަރިންތަކެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ދަރިން ހެނދުނު ސުކޫލަށް ދާން ޖެހޭތީ ވަރުބަލިކަން އިހުސާސް ވެދާނެކަމަށްބަލައި ފަތިސް ނަމާދަށް ނުގޮވުން އެެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. ޝައިޚް ވިދާޅުވީ ނަމާދު އަޅާ މީހުންގެ ހަށިގަނޑުގައި ނަރަކައިގެ އަލިފާން ޖެހޭނެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު، ނަމާދަށް ރައްކާތެރިވުމަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ދަރިން އަވަހަށް ނިންދެވުމަށް އާދަކުރުމަށް ޝައިޙް ވަނީ ބެލެނިވެރިންނަށް ގޮވާލައްވާފައެވެ.

ޝައިޙްވަނީ ހުރިހާ ދަރިވަރުންނަށް މި ފެށުނު އާއަހަރުގައި ހެޔޮއަމަލު ގިނަކުރުމަށް ނަސޭހަތްތެރިވެ، މައިންބަފައިން އެދޭ ފޮނި މީރުކަންދެވޭ ކިޔަމަންތެރި ދަރިންތަކަކަށް ވުމަށްވެސް ނަސޭހަތްތެރިވެފައެވެ.