ޚަބަރު

ކުރީ ސަރުކާރަށް ތަޢުލީމީ މަންހަޖު އެންމެ އެކަށޭނަގޮތުގައި ތަންފީޒުނުކުރެވުނީ މަޝްވަރާ ނުކުރެވުނީމަ- އެޑިއުކޭޝަން މިނިސްޓްރީ


މިދިޔަ ސަރުކާރަށް ތަޢުލީމީ މަންހަޖު އެންމެ އެކަށޭނަގޮތުގައި ތަންފީޒުކުރެވިފައި ނުވަނީ ރަނގަޅު މަޝްވަރާކުރުމުގެ ނިޒާމެއް ނެތުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވަނީ ތަޢުލީމީ ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެސް އައު މަންޖަހު ތަންފީޒުކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައެވެ.

ޕީއެސްއެމް ނިއުސް އިން އިނގިރޭސިބަހުން ގެނެސްދޭ ސެވަންޓީފައިވް ޒީރޯ ޕްރޮގްރާމްގައި، ސަރުކާރުން ތަޢުލީމީ ދާއިރާއިން މިއަހަރު ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، އައު މަންހަޖު ތަންފީޒުކުރުމަށް ގިނަ ފޯރަމްތަކެއް މިއަހަރުގެ ތެރޭގައި އެ މިނިސްޓްރީއިން ބޭއްވުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އަންނަ މަހުގެ 16 އިން 17 އަށް ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ފުރަތަމަ ސެމިނަރ ބޭއްވުމަށް ނިންމާފައިވާއިރު، އަންނަ މަހުގެ ތެރޭގައި ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމްއާއި ރީޖަނަލް ސިމްޕޯޒިއަމްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމް ފެބްރުއަރީ މަހުގެ 23-24 ހަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އޭގެ ކުރިން މާލެ ސިޓީ އާއި، އައްޑޫ ސިޓީ އާއި ހދ ކުޅުދުއްފުށީގައި ރީޖަނަލް ސިމްޕޯޒިއަމްތައް ބާއްވަން ނިންމާފައިވާކަންވެސް ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރީޖަނަލް ސިމްޕޯސިއަމްތަކުގައި ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން ހޮވާލެވޭ ދަރިވަރުން ބައިވެރިވެރި ކުރުމަށް ހަމަޖެހިފައިވާއިރު، މި ސިމްޕޯޒިއަމްގައި މަޝްވަރާ ކުރެވި، އައު މަނުހަޖުގައި ހުރި ދަތިތައް ދެނެގަނެ ނެޝަނަލް ސިމްޕޯސިއަމްއަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

"އަންނަ މަހުގެ 16 އިން 17 އަށް ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ފުރަތަމަ ސެމިނަރ ބޭއްވުމަށް ނިންމާފައިވާއިރު، މިއަންނަ މަހުގެ ތެރޭގައި ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމްއާއި ރީޖަނަލް ސިމްޕޯސިއަމް ބާއްވަން ނިންމާފައި. ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމް މިއަންނަ މަހުގެ 23 ހުން 24 ހަށް ތާވަލުކޮށްފައިވާއިރު، އޭގެ ކުރިން މާލެ ސިޓީ، އައްޑޫ ސިޓީ އަދި ހދ ކުޅުދުއްފުށީގައި ރީޖަނަލް ސިމްޕޯސިއަމްތަށް ބާއްވަން އަޅުގަނޑުމެން ނިންމާވަފަވާނީ." ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެ.

މިދިޔަ ސަރުކާރަށް ތަޢުލީމީ މަންހަޖު އެންމެ އެކަށޭނަގޮތުގައި ތަންފީޒު ކުރެވިފައި ނުވަނީ ރަނގަޅު މަޝްވަރާކުރުމުގެ ނިޒާމެއް ނެތުމުންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިދިޔަ ސަރުކާރުން ތަޢުލީމީ މަންހަޖުގެ ކީ ސްޓޭޖް އެކެއް، ދޭއް އަދި ތިނެއް ތަންފީޒުކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ.

"ނިމިދިޔަ ސަރުކާރަށް ތަޢުލީމީ މަންހަޖު އެންމެ އެކަށޭނަގޮތުގައި ތަންފީޒުކުރެވިފައި ނުވަނީ ރަނގަޅު މަޝްވަރާކުރުމުގެ ނިޒާމެއް ނެތުމުން. އެގޮތުން އެ ސަރުކާރުން ބެލެނިވެރިންނާއި ދަރިވަރުން އަދި އެއްވެސް ފަރާތެއްގެ ޚިޔާލެއް އަދި ފީޑް ބެކެއްވެސް ހޯދާފައެއް ނުވޭ. އަޅުގަނޑުމެންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމެއްގެ ދަށުން މި ދާއިރާގައި ހުރި މައްލަތަށް ހައްލުކުރުމަށް މަސައްކަތްކުރާނަން." ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވެ.

މި އަހަރުގެ ތެރޭގައި ރަށު ކައުންސިލްތަކާއި، ޔުނިސެފާއި ޖެންޑަރ މިނިސްޓްރީގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެކި ސެމިނަރތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފަިއވާކަމަށްވެސް އެޑިއުކޭޝަން މިނސިްޓްރީން ބުނެއެވެ.