ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ ގްރައުންޑް ހޭންޑްލިންގ އަދި ފަސިންޖަރުންގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް، ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.
ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްއަކީ ގްރައުންޑް ހޭންޑްލިންގެ ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ މަޝްހޫރު ކުންފުނި، ޔުނިވަރސަލް ވެދަރ އެންޑް އޭވިއޭޝަން އާއި ރާއްޖޭގެ އިނަރ މޯލްޑިވްސް ހޮލިޑޭސް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކުންފުނި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައި ވަނީ އިނަރ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް އަދި ޔުނިވަރސަލް އޭވިއޭޝަން ސިންގަޕޯރގެ މެނޭޖިންގ ޑިރެކްޓަރއެވެ.
ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސަލް ވެދަރ އެންޑް އޭވިއޭޝަން ކުންފުނީގެ ރީޖަނަލް ޑިރެކްޓަރ ސާރާ ކަލްމެތާ ވިދާޅުވީ ރާއްޖޭގައި މިފަދަ ގްރައުންޑް ހޭންޑްލިންގ އަދި ސެކިއުރިޓީގެ ޚިދުމަތްދޭ ކުންފުންޏެއް އޮތުމަކީ ރާއްޖެއަށް އިޤްތިސާދީގޮތުން ބޮޑެތި މަންފާކުރާނެ ކަމެއްކަމަށެވެ.
ރާއްޖެއަށް ޕްރައިވެޓް ޖެޓް ޖައްސާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު ބައިނަލްއަޤްވާމީ ކުންފުންޏަކާއެކު މިފަދަ ޚިދުމަތެއް ރާއްޖޭގައި ފުޅާވެގެންދިއުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރައިގެންދާނެ ކަމެއްކަމަށް ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްއިން ދެކެއެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެމުން އިނަރ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ މިދާއިރާ ކުރިއަރާފައިވީނަމަވެސް އެކަށީގެންވާ ޚިދުމަތްތައްވެސް އަދިވެސް ލިބެންނެތްކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ނިމުމާއިއެކު މިކަންކަން ހައްލުވެގެންދާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ޔުނިވާރސަލް އޭވިއޭޝަން މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙުކޮށްފައިވާއިރު މި ކުންފުނީގެ އޮޕަރޭޝަންތައް ވަނީ މިދިޔަ ނޮވެމްބަރު މަހު ފަށާފައެވެ. އެގޮތުން ފާއިތުވެދިޔަ މަސްތަކުގައި ވެސް އެކުންފުނިން 50 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓްތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.
ޔުނިވާރސަލް އޭވިއޭޝަންގެ ޚިދުމަތްތައް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ފްލައިޓްތައް ޖައްސާ ހިސާބުން ފެށިގެން ރިސޯޓުތަކަށް ފަސިންޖަރުން ދިއުމާއި އެނބުރި ޤައުމަށް ދިއުމާ ހަމައަށް ފޯރުކޮށްދޭނެއެވެ.
އެމެރިކާގެ ޔުނިވާރސަލް ވެދަރ އެންޑް އޭވިއޭޝަން ކުންފުނީގެ ދަށުން ޔުނިވާރސަލް އޭވިއޭޝަން މޯލްޑިވްސްގެ އޮޕަރޭޝަންސްތައް ހިނގަމުންދާއިރު ދުނިޔޭގެ 20 ޤައުމަކަށް މިހާރުވެސް މިކުންފުނީގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.