ކުޅިވަރު

ޓާގެޓަކީ ގަދަ ހަތަރެއްގައި މުބާރާތް ނިންމާލުން – ފޯކައިދޫ


މުބާރާތުގައި އަލަށް ބައިވެރިވިނަމަވެސް އެޓީމުގެ ޓާގެޓަކީ ގަދަ ހަތަރެއްގައި ހިމެނިގެން މުބާރާތް ނިންމާލުން ކަމަށް ފޯކާއިދޫ ޒުވާން ޓީމުގެ ކޯޗު އަހުމަދު ހުޝާމް ބުނެފި އެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެކާވީސް އަހަރުން ދަށުގެ ޔޫތް ޗެންޕިއަންޝިޕުގައި އަލަށް ބައިވެރިވާ ފޯކާއިދޫ ޓީމުގެ ފަރިތަކުރުކުރުންތައް ކުރިޔަށްދާގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ކޯޗު ހުޝާމް ބުނީ، ފޯކާއިދޫ ޓީމުގެ ޓާގެޓަކީ ޔޫތް ޗެންޕިއަންޝިޕްގައި ދެން ވާދަކުރާ އެހެން ޓީމުތަކަށް ރަގަޅު ފައިޓެއް ދިނުންކަމަށެވެ.

މުބާރާތަށް ޓީމު އެކުލަވާލި ގޮތާއިގުޅޭގޮތުން ވާހަކަ ދައްކަމުން ހުޝާމް ބުނީ، ޓްރިއަލްއަކަށް ހުޅުވާލުމުން ފަންސާހަކަށް ކުދިން ބައިވެރިވިކަމަށާއި، ނަމަވެސް އެ އަދަދު މިހާރު ތިރީހަށް ކުޑަކުރެވިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފައިނަލް ސްކޮޑް އިއުލާން ކުރެވިގެންދާނެކަމަށްވެސް ހުޝާމް ބުންޏެވެ.

ހުޝާމް ބުނީ ޔޫތް ޗެންޕިއަންޝިޕްގައި ބައިވެރިވާން ނިންމީ، ޕްރިމިއަރ ލީގުގައިވެސް އެޓީމު އޮތުމުން ކަމަށާއި، މި މުބާރާތަށްވެސް މި ނުކުންނަނީ ފޯކައިދޫ ސީނިއަރ ޓީމުގެ މެނޭޖްމަންޓުގެ ދަށުންކަމަށެވެ.

މިއަހަރުގެ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް އެފް.އޭ.އެމް އިން ތާވަލްކޮށްފައިވާއިރު، މިއަހަރުގެ މި މުބާރާތުގައި މާލޭގެ ހަ ކްލަބަކާއި އަތޮޅު ތެރެއިން ދެ ރަށެއް ބައިވެރިވުމަށް ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ މި މުބާރާތުގައި ވާދަކޮށްފައިވަނީ މާލޭގެ އެންމެ ހަތަރު ކްލަބެވެ.