ކުޅިވަރު

އަރނޯޓޮވިޗް ވިއްކާލާކަށް ބޭނުމެއް ނޫން، އެކަމަކު ވިއްކާނުލާނަމެކޭ ނުބުނާނަން - ޕެލްގެރިނީ


ފޯވާޑް މާކޯ އަނޯޓޮވިޗަކީ ވިއްކާލަން ބޭނުންވާ ކުޅުންތެރިއެއް ނޫންކަމަށް ވެސްޓްހަމް ޔުނައިޓެޑްގެ ކޯޗު މެނުއަލް ޕެލްގެރިނީ ބުނެފިއެވެ.
ގިނަ ކުލަބުތަކެއްގެ ލޯ އަމާޒުވެފައިވާ ފޯވާޑް ހޯދުމަށް މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ޗައިނާ ލީގުގެ ކުލަބުތަކުންނެވެ.
މިގޮތުން ހަފްތާއަކު ދެ ލައްކަ ޕައުންޑްގެ މުސާރައަކަށް އަނޯޓޮވިޗް ގެންދަންވެސް ބައެއް ކުލަބުތަކުން ތިބީ ތައްޔާރަށެވެ.
ޕެލެގްރިނީ ބުނީ ހުނަރުވެރި ފޯވާޑަކީ ވިއްކާލަން އޭނާ ބޭނުންވާ ކުޅުންތެރިއެއް ނޫންކަމަށެވެ. ޕެލެގްރިނީ ބުނީ މިވަގުތު ކުޅުންތެރިޔާއަށްވެސް އަދި ކުލަބަށްވެސް އެންމެ ރަނގަޅުގޮތަކީ މިއީކަމަށެވެ.
އާނޯޓޮވިޗް ވެސްޓްހަމް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަމަށް ދާދިފަހުން އޭނާގެ ބޭބެވަނީ ބުނެފައެވެ.
ޕެލެގްރިނީ ބުނީ އެންމެ އެކަށީގެންވާ އަގު ކުލަބަކުން އާނޯޓޮވިޗަށް ހުށަހަޅައިފިނަމަ އޭނާ ވިއްކާނުލާނަމޭ ނުބުނާނެކަމަށެވެ.
2017ވަނަ އަހަރު ސްޓޯކް ސިޓީން ވެސްޓްހަމް ޔުނައިޓެޑާއި ގުޅުނުފަހުން އާނޯޓޮވިޗަކީ ސަޕޯޓަރުންގެ މެދުގައިވެސް މަގުބޫލު ކުޅުންތެރިއެކެވެ.