ޓޮޓްނަމް ދޫކޮށް މިޑްފީލްޑަރ މޫސާ ޑެމްބެލޭ ޗައިނާގެ ސުޕަރ ލީގްގެ ގުއަންޒޫ އާރް އެންޑް އެފަށް ބަދަލުވެއްޖެއެވެ. 
ތިންއަހަރުގެ އެއްބަސްވުމަކަށް ޗައިނާގެ ސުޕަރ ލީގްގެ ގުއާންޒޫ އާރް އެންޑް އެފަށް އަށް 31 އަހަރުގެ ޑެމްބެލޭ ބަދަލުވީ 11 މިލިއަން ޔޫރޯއަށެވެ. 
ބެލްޖިއަމްގެ ޑެމްބެލޭ ޓޮޓްނަމް ދޫކޮށްފައި މިވަނީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ހަ މަސް ބާކީ އޮއްވައެވެ. 
2012 ވަނަ އަހަރު ފުލަމުން 15 މިލިއަން ޔޫރޯއަށް ޓޮޓްނަމަށް ބަދަލުވި ކުޅުންތެރިޔާ ވަނީ ޓޮޓްނަމަށް ދުއިސައްތަ ފަންސާސް މެޗް ކުޅެދީ ދިހަ ގޯލް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އަނިޔާގެ ފަހުން އޭނާ މިހާތަނަށް މެޗަކުން ފެނިފައެއް ނުވެއެވެ. 
ޑެމްބެލޭއާ ގުޅޭގޮތުން ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފައިވަނީ ޑެމްބެލޭއަކީ އޭނާގެ ކޯޗިންގ ކެރިއަރުގައި ދިމާވި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ޑެމްބެލޭވެސް ވަނީ ޓޮޓްނަމާ އޭނާއާ މެދު އަބަދުވެސް އޮންނާނީ އާއިލީ ގުޅުމެއް ކަމަށް ބުނެފައެވެ.