ވިޔަފާރި

ބީޕީޓީގެ ގޮތުގައި 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަންޖެހިއްޖެ


ބްލޫ ލެގޫން އިންވެސްޓްމަންޓުން ބީޕީޓީގެ ގޮތުގައި ދައުލަތަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން ބްލޫ ލެގޫން އިންވެސްޓްމަންޓްގެ މައްޗަށް މިގޮތަށް ހުކުމްކޮށްފައިވަނީ، ދައުލަތައް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާއިން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.
ސިވިލްކޯޓުން ބްލޫ ލެގޫން އިންވެސްޓްމަންޓުން މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީގެ ގޮތުގައި 486,020 ޑޮލަރާއި، އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ގޮތުގައި 45,250 ރުފިޔާ 4 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ބްލޫ ލެގޫން އިންވެސްޓްމަންޓުން ބީޕީޓީގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވާ 486،020 އަކީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޖޫރިމަނާއާއި އެކު ޖުމްލަ 7.5 މިލިއަން ރުފިޔާ އެކުންފުނިން ދައުލަތަށް ދައްކަންޖެހެއެވެ.

މީރާއިން ގެންދަނީ ދައުލަތައް ޓެކްސް ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޯޓަށް ވައްދަމުންނެވެ.