ސިޔާސީ

ނާޒިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި


ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ބަންދަށް ފަނަރަ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.ކޯޓް އަމުރެއްގެ ދަށުން ނާޒިމް ހައްޔަރުކުރުމަށްފަހު ދޫނިދޫއަށް ގެންގޮސްފައިވަނީ ރޭ މެންދަމުން އަލިވެ އެކެއްޖަހާ އެހާކަންހާއިރު ނާޒިމް ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުންގެ ގޭގައި ހުންނަވަނިކޮށެވެ.މިއަދު ބޭއްވި ބަންދުގެ މުއްދަތުގެ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނާޒިމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ނާޒިމް ހައްޔަރު ކޮށްފައިވަނީ، އިތުރު ބަޔަކާ ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދާކަމުގެ ތުޙުމަތުގައިކަމަށެވެ.މީގެއިތުރުން މިދިޔަ މަހުގެ އަށާރަވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ ގެއިން ނުރައްކާތެރި ހަތިޔާރު ފެނިފައިވާ މައްސަލަވެސް ހިމެނޭކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.މައުމޫން ހަމީދު ވިދާޅުވީ، ނާޒިމްގެ ބަންދާ ގުޅޭގޮތުން، ކްރިމިނަލް ކޯޓުން މިއަދު ނިންމިނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި މާދަމާ އެމައްސަލަ ހައިކޯޓަށް ވެއްދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.