ޚަބަރު

ލަޠީފްގެ އިޞްލާޙަށް އިދިކޮޅު މެންބަރުން ތާޢީދު، ކޯލިޝަން މެންބަރުންގެ ނުރުހުން


ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބިލަށް އިދިކޮޅު މެންބަރުން ތާޢީދުކުރާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުންގެ ބޮޑެތި ފާޑުކިއުންތައް އެބިލަށް އަމާޒުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެގޮތަށް އިޞްލާޙު ހުށައަޅުއްވާފައިވަނި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުހައްމަދެވެ. ލަޠީފްގެ މިއިޞްލާޙާ ގުޅިގުޅިގެން އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެއިޞްލާޙު އަނބުރައި ނެގުމަށް ލަޠީފަށް އަންގާފައެވެ. ނަމަވެސް މިހާތަނަށްވެސް ލަޠީފް އެއިޞްލާޙު ނަންގަވާފައެއްނުވެއެވެ.

މި އިޞްލާޙަށް އިދިކޮޅު މެންބަރުން ވަނީ ތާޢީދުކުރާގޮތަށް ނިންމަވާފައެވެ. އެގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދެއްކެވި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވީ، އެ އިޞްލާހަށް ތާޢީދުކުރެއްވުމަށް ނިންމާފައިވަނީ، ރައީސްކަން ކޮށްފައިވާ މީހަކަށް ދަޢުލަތުން ގިނަ އިނާޔަތްތަކެއް ދެއްވާތީއާއި، އެ ބޭފުޅުންނަކީ ދައުލަތާއި ރައްޔިތުންގެ ވަރަށް ޚާއްޞަ ޤަދަރެއް ލިބިވަޑައިގެން ތިއްބެވި ބަޔަކަށް ވާތީކަމަށެވެ.

އެފަދަ ބޭބޭފުޅުންނަށް "ކުރީގެ ރައީސް" މިގޮތަށް މުޚާޠަބުކުރުމަށް ޤާނޫނުގައި ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގުގައި ވެވަޑައިގަތުމުން، ޙައިސިއްޔަތު ދަށްވެގެންދާކަމަށެވެ. މިކަމުގެ ސަބަބުން އެބޭފުޅުންނަށް އޮންނަ އިޙްތިރާމްވެސް ކުޑަވެގެންދާކަމަށް ޕީޕީއެމްގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

"ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ބޮޑެތި އިނާޔަތްތައްދީ، އެބޭފުޅުން ދައުލަތުގެ ކާރުކޮޅުގައި މަޖިލީހަށް ވަޑައިގަންވާނެ. އެކަމު މިތާއެތެރޭ މުޚާޠަބުކުރަންޖެހޭނީ ޢިއްޒަތްތެރި މެންބަރުން. އަޅުގަނޑުމެންނާ އެއްހަމައަކަށް އެވެއްޓުނީ. އެކަމު ޤާނޫނުގައި އެބަބުނޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މުޚާޠަބުކުރަންޖެހޭނީ "ކުރީގެ ރައީސް"އޭ. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި އެއީ ރަނގަޅު އިޞްލާހެއް. ތާޢީދުކުރަން"

ޕީޕީއެމްގެ މެމްބަރަކު ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުންގެ ތާޢީދު މި އިޞްލާހަށް އޮތްނަމަވެސް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ ލަޠީފްގެ އިޞްލާޙަށް އަމާޒުވެފައެވެ. އެމްޑީޕީން ވިދާޅުވެފައިވަނީ ލަޠިފް އިޞްލާޙު ހުށައަޅުއްވާފއިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ކަމަށާ، އެކަން ކާމިޔާބު ވިޔަ ނުދެއްވާނެކަމަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ މެންބަރަކު އެފަދަ އިޞްލާޙެއް ހުށައަޅުއްވާފައިވާތީއާއި އެފަދަ ބައެއް މެންބަރުންގެ ޢަމަލުތަކާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާއިރު ހުންނަންޖެހޭ ޝަރުޠު ތަކާއި މެންބަރު ކަމުގައި ހުންނައިރު ހަމަވާންޖެހޭ ޝަރުރުތައް ޤާނޫނު އަސާސީގެ 73ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައި. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤާނޫނުގައިވެސް ހަމަ އެޝަރުޠުތައް ބަޔާންކޮށްފައިވާނެ. އެހެންކަމުން އެއީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއް." އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަޠީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓިން އެއިޞްލާޙު އަނބުރައި ނެގުމަށް ލަޠީފަށް އަންގަވާފައި ވީނަމަވެސް އިސްލާޙު ނުނަގައިފިނަމަ، ދެން ޢަމަލުކުރައްވާނެ ގޮތެއް ހާމަކޮށްފައެއްނުވެއެވެ.

އިޞްލާޙު ހުށައެޅުއްވި މެންބަރު ޢަބްދުއްލަޠިފް ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި، މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެހެން ބޭފުޅުންނާއި ތަޖުރިބާގެ ގޮތުން އެއްހަމަ ނުވާއިރު، އެފަދަ އިންތިޚާބެއްގައި ވާދަކޮށް އެއިން ބޭފުޅަކު ނުހޮވުމަކީވެސް އެފަރާތްތަކުގެ ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނާނެކަމެއްކަމަށެވެ.