ވިޔަފާރި

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް %6.8 ކުރިއެރުމެއް


މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް %6.8 ކުރިއެރުމެއް ލިބިއްޖެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ނިމިގެންދިޔަ އަހަރު ޖުމްލަ 1،484،274 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. 48.9 އިންސައްތައާއިއެކު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ.
ވަކިވަކި މާކެޓްތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ ޗައިނާއާއި، ޖަރުމަނުވިލާތުންނެވެ.

"
މިދިޔަ އަހަރު އަހަރު ޖުމްލަ 1،484،274 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާފައިވޭ. މިއީ ރެކޯޑް އަދަދެއްގެ ކާމިޔާބީއެއްކަމަށް އަޅުގަނޑުމެން ދެކެނީ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ އަމާޒަކީ މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ގެނައުންކަމަށެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ ޓޫރިޒަމް އިސްތިހާރުކުރުމަށް މިއަހަރަށް ކަނޑައެޅި ބަޖެޓް 3 ގުނަ އިތުރުކޮށްފައެވެ. އެއީ 154.2 މިލިއަން ރުފިޔާއެވެ. މިބަޖެޓާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެއެވެ.