ޚަބަރު

ހުސްނުއްސުޢޫދު ޖޭއެސްސީގެ ކޮމިޓީއަށް ހާޒިރުކުރަނީ


ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއަށް ހުސްނުއްސުޢޫދު ހާޒިރުކުރުމަށް ނިންމައިފިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަތައް ތަހުޤީޤްކުރުމަށް އެކުލަވާލި ކޮމިޓީއަށް އާދީއްތަ ދުވަހު ސުޢޫދު ހާޒިރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ސުޢޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކުލަވާލި ޖޭއެސްސީގެ ކޮމިޓީއަކީ ސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަޤީޤަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މަޢުލޫމާތު ހޯދުމަށް އެކުލަވާލި ކޮމިޓީއެކެވެ.

ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެކަމުގައި ޝާމިލްވާ ކަމަކަށްވާތީއާއި އެކަމުގެ ހަޤީޤަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާމެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމައި ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް ޢާންމުކޮށް ހާމަކުރަމުން ގެންދިއުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ، މަރުގެ މައްސަލަތަކުގެ ތަޙްޤީގުތައް ކިތަންމެ ރަނގަޅަށް ކުރިއަށްގެންގޮސް ކޯޓަށް ފޮނުވިނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ޙުސްނުއްސުޢޫދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގިނަ މަރުގެ މައްސަލަތަކެއް ކޯޓުން ސާބިތުނުވެ، ދޫވުމުގެ ސަބަބުން އިންސާފައް ވާސިލު ނުވެވޭކަމުގެ އިހްސާކުރެވިގެން ވަރަށް ގިނަ ބަޔެއްގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ.