ކުޅިވަރު

އޭސީސީ ޓީ20 ވެސްޓާރން ރީޖަން ކްރިކެޓް މުބާރާތަށް ރާއްޖޭގެ ކްރިކެޓް ޓީމު އޮމާން އަށް ހިނގައްޖެ


އޭސީސީ ޓީ20 ވެސްޓާރން ރީޖަން ކްރިކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު އޮމާން އަށް ހިނގައްޖެ އެވެ.

ސާދަ ކުޅުންތެރިންނާއި ފަސް އޮފިޝަލަކާއެކު ކްރިކެޓް ޓީމު މުބާރާތް ބާއްވާ އޮމާނަށް ފުރާފައިވަނީ މިއަދު ހެނދުނެވެ. މި މުބާރާތުގައި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ ވިހި ވަނަ ދުވަހު ނިކުންނާނީ ކުވައިތާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އެކާވީސް ވަނަ ދުވަހު ބަހްރެއިން އާއި ދެކޮޅަށް ނިކުންނައިރު ތިންވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ސައުދީ އަރަބީއްޔާއާއި ދެކޮޅަށެވެ. އަދި ފަހު މެޗުގައި މިމަހުގެ ތޭވީސް ވަނަ ދުވަހު ކުޅޭނީ ގަތަރާއި ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސައުވީސް ވަނަ ދުވަހު އެވެ.

މުބާރާތަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ފުރުމުގެ ކުރިން ކްރިކެޓް ބޯޑުން އިއްޔެ ހަވީރުވަނީ ކްރިކެޓް ޓީމާއި ބައްދަލުކޮށް ޓީމަށް ހިތްވަރު ދެއްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އަށް މައުލޫމާތު ދެއްވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާހް ވިދާޅުވީ، މި ބައްދަލުވުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ކްރިކެޓްގެ އެންމެ ސީނިއަރ އަދި އެންމެ ކާމިޔާބު ކެޕްޓަން މޫސާ ކަލީމް ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރުންކަމަށެވެ.

އަފްލާހް ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ޓީމުގައި ތިބި ކުޅުންތެރިންގެ ގުޅުން އިތުރަށް ރަނގަޅުވެ ޓީމުގެ ތެރޭގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެއްޖެކަމަށެވެ.