ކުޅިވަރު

މޮނާކޯގައި ރަނގަޅު ނަތީޖާތަކެއް ހޯދޭނެ - ފެބްރިގާސް


އިނގިރޭސި ކްލަބް ޗެލްސީ ދޫކޮށް ފްރާންސްގެ މޮނާކޯއަށް ބަދަލުވެ އެ ކްލަބުގައި ރަނގަޅު ނަތީޖާތަކެއް ހޯދޭނެކަމަށް ސެސް ފެބްރިގާސް ބުނެފިއެވެ.

މޮނާކޯއަށް ބަދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ފެބްރިގާސް ބުނީ، މޮނާކޯއަށް އޭނާ ބަދަލުވީ ވަރަށް ފޮނި އުއްމީދުތަކަކާއެކު ކަމަށެވެ.

އެ ކްލަބުގެ ކޯޗު ތިއެރީ އޮންރީ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފެބްރިގާސް ބުނީ، އޭނާގެ އުމުރުން ސޯޅަ އަހަރުގައި އޮންރީ ދަންނަކަމަށާއި، އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރި މިހަކީ އޮންރީކަމަށެވެ. އަދި އޮންރީއާއެކު އާސެނަލްގައި ކުޅުނު ހަތަރު އަހަރަކީ ހަނދާނުން ފިލައިގެން ނުދާނެ ދުވަސްތަކެއްކަމަށެވެ. އަދި އޮންރީއަކީ އޭނާއާއެކު ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށްވެސް ފެބްރިގާސް ބުންޏެވެ. އެހެންކަމުން އޮންރީގެ ކޯޗު ކަމުގެ ދަށުގައި ރަނގަޅު ނަތީޖާތަކެއް މޮނާކޯގައި ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ފެބްރިގާސް ވަނީ ބުނެފައެވެ.

ފެބްރިގާސް ވަނީ އިނގިރޭސި ކްލަބުތަކަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީ، ދެފަހަރަށް ޕްރިމިއާރ ލީގުވެސް އުފުލާލާފައެވެ. އެ ދެފަހަރަކީވެސް ޗެލްސީއާއެކު އޭނާ ޕްރިމިއަރ ލީގު އުފުލާލި ދެފަހަރެވެ. އޭގެ އިތުރުން އެފްއޭ ކަޕް އަދި ލީގު ކަޕްވެސް ޗެލްސީއާއެކު ފެބްރިގާސް ކާމިޔާބު ކޮށްފައިވާ އިރު، އާސެނަލްއާއެކުވެސް އޭނާ ވަނީ އެފްއޭ ކަޕް އުފުލާލާފައެވެ.

މޮނާކޯއަށް އޭނާއަށް ސޮއިކުރީ ތިން އަހަރާ ބައިގެ އެއްބަސްވުމެއްގައެވެ.